މިދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާގައި ކޮވިޑް-19 ޖެހިގެން 2100 މީހުން މަރުވެއްޖެ އެވެ.

އެމެރިކާގައި ކޮވިޑުގެ ހާލަތު ގޯސްވެ ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 260،000 އަށްވުރެ މައްޗައް އަރައިފަ އެވެ. އަދި އެގައުމުގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ.

އެމެރިކާއަށް ބޮޑު ބަންދެއް އައިސްފައިވާ މި ދަނޑިވަޅުގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެދާނެތީ، އެގައުމުގެ ސިއްހީ ތަޖުރިބާކާރުން ވަނީ ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެން ވެސް ފިޔަވަޅުތަކަށް ބޯލަނބަން އެދިފަ އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާ އިން 13 މިލިއަން ކޮވިޑް ކޭސް ވަނީ ފެނިފަ އެވެ. އެއީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް ކޮވިޑް ކޭސް އެންމެ ގިނައިން ފެނިފައިވާ ގައުމެވެ.

ދެވަނައިގައި އޮތް އިންޑިއާ އިން މިހާތަނަށް ފެނިފައިވަނީ ނުވަ މިލިއަން ކޮވިޑް ކޭސް އެވެ. އަދި ބްރެޒިލް އިން މިހާތަނަށް ފެނިފައިވަނީ ހަ މިލިއަން ކޮވިޑް ކޭސް އެވެ.