ރައަންހެނުންނަށް ކުރާ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ދުވަހާ ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގައުމު ބިނާކުރުމާއި ގައުމީ އުފެއްދުންތެރިކަމުގައި އަންހެނުންގެ ހިއްސާ ބޮޑު ކަމަށާއި ނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރަމުން އަންނައިރު އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފަދަ މައްސަލަތައް މަޑުޖެހިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

ހާއްސަކޮށް، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުގެ ހަމަހަމަކަމެއް ނެތް ކަމަށާއި އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

"އަދި ސަރުކާރުގެ އެންމެ މަތީ ފަންތީގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ފަރާތްތައް ވަރަށް މިނިވަންކަމާއެކު މުޖުތަމައުގައި ހަރަކާތްތެރިވަމުން ދިއުމާއި، ގާނޫނު ނަގަހައްޓައި ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރުން އަންހެނުންގެ ހައްގަށް އުނިކަން ލިބޭ އަދި އިންސާފު ގާއިމުކުރުމަށް ނުފޫޒު ފޯރުވާ ފަދަ މޭރުމުން ވާހަކަދައްކަމުންދާކަމީ މިއަދުގެ ސަރުކާރުން އަންހެނުންނަށް އިހުތިރާމުނުކުރާކަމާއި، އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަން ހާމަވާ ކަމެކެވެ..،" ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަކަމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އަންހެނުންގެ ހައްގުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމަކީ ބިރުވެރި މެސެޖެއް ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ބުނީ ކޮވިޑް 19އާ ގުޅިގެން އަންހެނުންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ.