އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ މަރުވެއްޖެއެވެ.
މަރަޑޯނާ މަރުވިކަން އިތުބާރު ހުރި ހަބަރު ފަތުރާ ވަސީލަތްތަކުން ޔަގީންކޮށްދީފައިވާ އިރު، އުމުރުން 60 އަހަރުގެ މަރަޑޯނާ ވަނީ ދާދިފަހުން ސިކުނޑީގެ ސާޖަރީއެއް ހަދައިފައެވެ. ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން ސާޖަރީ ހެދުމަށްފަހު، މީގެ ދެ ހަފުތާ ކުރިން އޭނާ ހޮސްޕިޓަލުން ދޫކޮށްލިކަން އިއުލާން ކޮށްފައިވާއިރު، އޭރު އާއިލާއިން ބުނެފައިވަނީ ހާލު ރަނގަޅުވަމުން ދިޔަ ކަމަށެވެ.
ހަބަރުތައް ބުނާގޮތުގައި މަރަޑޯނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ސާޖަރީއަށްފަހު އާޖެންޓީނާގެ ބުއެނަސް އެއަރެސްގެ ޓިގްރޭގައި ހުންނަ އަމިއްލަ ގޭގައި ރިކަވާ ވަމުންދަނިކޮށް، މަރަޑޯނާއަށް ހާޓް އެޓޭކެއް ޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
އާޖެންޓީނާގެ ގައުމީ ޓީމުން މީސް މީޑިއާ މެދުވެރިކޮށް ދީފައިވާ ކުރު މެސެޖުގައި ބުނެފައިވަނީ ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހެއްގެ ހިތުގައި މަރަޑޯނާގެ ނަން ތާ އަބަދަށް ދެމިގެންދާނެ ކަމަށެވެ. އަދި އެފްއޭގެ ރައީސްވެސް ވަނީ މަރަޑޯނާގެ ވަކިވުން މުޅި ފުޓުބޯޅަ ދުނިޔޭގެ ހިތާމައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
1986 އަހަރުގެ ވޯލްޑް ކަޕް، ގައުމީ ޓީމާއެކު އުފުލައިލި ހުނަރުވެރި ފޯވަޑް މަރަޑޯނާއަކީ ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާގެ ސްޓައިލަކީ އެތައް ބައެއްގެ ލޯބި ހޯދާފައިވާ، މީހުން ބަލާހިތްވާ ފަދަ ފުޓުބޯޅަ ސްޓައިލެކެވެ.
ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ޕާޓީ ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަވެ، މަރަޑޯނާގެ ކެރިއަރު ވަނީ ހީކުރި ވަރަށްވުރެ އަވަހަށް ނިމިފައެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ކޯޗެއްގެ ގޮތުގައި ގިނަ މަސައްކަތަކެއް ކޮށްފައެވެ. 2010 ވަނަ އަހަރު އާޖެންޓީނާގެ ކޯޗު ކަމުގައި ވޯލްޑް ކަޕަށްވެސް ދިޔަ މަރަޑޯނާ އެންމެފަހުން މަސައްކަތް ކޮށްފައިވަނީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ގިމްނާސިއާ ވައި އެސްގްރީމާގެ ކޯޗަކަށެވެ.
އުމުރުން 16 އަހަރުގައި މަރަޑޯނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ އާޖެންޓީނާގެ ޖޫނިއާ ޓީމުތަކުންނެވެ. މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަރަޑޯނާ މަޝްހޫރުވެފައިވާ އިރު، އޭނާ ވަނީ ބޮކަ ޖޫނިއާސްގައި ވިދާލާ ޔޫރަޕްގެ ގަދަ ބާރުތައް ކަމަށްވާ ބާސެލޯނާއާއި ނަޕޯލީގެ އިތުރުން ސެވިއްޔާގައި ލެގަސީއެއް ދަމަހައްޓައިފައެވެ.
މަރަޑޯނާ އިންގްލެންޑް ކޮޅަށް އަތުން ޖެހި ގޯލަކާއެކު އޭނާއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި އިރު، އޭނާގެ ފަރާތުން އެފަދަ ކަންކަމަށް ދެމުން އަންނަ ޖަވާބުތަކަކީ ގިނަ ބަޔަކަށް ކަމުދާ، ތަފާތު ޖަވާބުތަކެކެވެ. ކޮންމެ ހާލެއްގައިވެސް މޮޅުވާން ބޭނުންވެ، ފުޓުބޯޅައިގެ ޒަމާނީ ޖީލަށް ދަނޑުމަތީގައި ތަފާތު ހުނަރެއް ދެއްކި މަރަޑޯނާއަކީ 1986 ވަނަ އަހަރު އާޖެންޓީނާއިން ވޯލްޑް ކަޕް އުފުލައިލި ޓީމުގެ ކެޕްޓަނެވެ.
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ
ޑިއޭގޯ މަރަޑޯނާ