އެފްއޭއެމް

އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް މަސައްކަތަށް އޭއެފްސީ އެލީޓް ޔޫތު ސްކީމްގެ ފުލް މެމްބާޝިޕް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޔޫތު ޑިވެލޮޕްމަންޓް މަސައްކަތަށް އޭއެފްސީގެ އެލީޓް ޔޫތު ސްކީމްގެ ފުލް މެމްބާޝިޕް ދީފިއެވެ.

އޭއެފްސީގެ ރަސްމީ ވެބްސައިޓުގައި އެކަން އިއުލާން ކޮށްފައިވާ އިރު، އެ ވެބްސައިޓުން ބުނެފައިވަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އުސޫލުތަކުގައި ހިފައި، އެފްއޭއެމުން ޔޫތު ޑިވެލޮޕްމަންޓަށް ހަރުދަނީ އޮނިގަނޑެއް ގާއިމުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ ލެވެލްގައި ކުދިން ތަމްރީނުކުރާނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ކްލަބު އެކަޑެމީތަކާއި، ޓެކްޓިކަލް ތައުލީމު ދިނުމުގެ އިތުރުން މުބާރާތްތައް ބާއްވާ ކޯޗުން ތަމްރީނު ކުރުމުގައިވެސް އެފްއޭއެމުން މުހިއްމު މަސައްކަތަކެއް ކޮށްފައިވާކަން އޭއެފްސީން ވަނީ ފާހަގަކޮށްފައެވެ.

އެފްއޭއެމްގެ ޑިވެލޮޕްމަންޓް ފިލޯސަފީގައި ޒުވާން ކުޅުންތެރިންގެ ހުނަރު، އެންމެ ފުރިހަމައަށް ދައްކައިލުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އޭއެފްސީން ފާހަގަކޮށްފައިވެއެވެ.

އެފްއޭއެމުން ބާއްވަމުންދާ ޔޫތު އެކަޑެމީ ލީގާއި ޒުވާން ކުޅުންތެރިންގެ ކްލަބު މުބާރާތުގެ އިތުރުން އިންޓަ ސްކޫލް މުބާރާތްތަކަށް އޭއެފްސީން ތައުރީފުކޮށްފައިވާ އިރު، ގައުމުގެ އެކިއެކި ހިސާބުތަކުގައި ޒުވާން ކުޅުންތެރިން ތަމްރީނުކުރާ އެކަޑެމީތައް ހިންގާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އެފްއޭއެމްގެ އެކަޑެމީގެ ޔޫތު ޑިވެލޮޕްމަންޓަށް އޭއެފްސީ އެލީޓް ޔޫތު ސްކީމްގެ ފުލް މެމްބާޝިޕާއެކު އެއް ތަރީގެ ރޭންކިންއެއް ދީފައިވެއެވެ. އެ ރޭންކިން ދީފައިވަނީ އޭއެފްސީން ބަލާ 20 މިންގަނޑަކަށް ޔޫތު ޑިވެލޮޕްމަންޓުގެ ކަންކަން ފެތޭތީއެވެ. އެގޮތުން މެމްބަރު އެސޯސިއޭޝަންގެ ޔޫތު އެކަޑެމީތައް ރޭންކް ކުރުމުގައި އޭއެފްސީ ޔޫތު ޕެނަލުން ލީޑާޝިޕް، ޕްލޭނިން، އޯގަނައިޒޭޝަން، ސްޓާފިން، ރެކްރޫޓްމަންޓް، ފައިނޭންސަސް، ވަސީލަތްތައް، ޓީމުތަކާއި ކޯޗުންގެ އިތުރުން ކުޅުންތެރިންގެ ކުޅުމާއި، ސިއްހީ ކަންކަމުގެ އިތުރުން ފިޓްސަން، ސައިކޮލޮޖީ އަދި ތައުލީމާއި، ގުޅުންތެރިކަމާއި، ނަތީޖާތައްވެސް އިވަލުއޭޓް ކުރެވޭނެއެވެ.

މެމްބަރު އެސޯސިއޭޝަންތައް ރޭންކް ކުރުމުގައި ބަލާ 20 މިންގަނޑުގެ އިތުރުން ފުލް މެމްބާޝިޕް ދިނުމުގައި 11 ކްރައިޓީރިއާއެއް ބަލާނެއެވެ. އޭގެ ތެރެއިން އެއް ކްރައިޓީރިއާ ފުރިހަމަ ނުވި ނަމަވެސް ދޭނީ ބައިކުޅަބައި މެމްބާޝިޕެކެވެ.

މިއަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ އެފްއޭގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށްވެސް އޭއެފްސީން އެލީޓް ޔޫތު ސްކީމް ފުލް މެމްބަޝިޕް ދީފައިވާ އިރު، އެ މެމްބާޝިޕަކީ ގައުމުތަކުގެ ފުޓުބޯޅައިގައި ޒުވާން ހުނަރިވެރި ކުދިން އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން އޭއެފްސީން ފަށާފައިވާ މަސައްކަތުގެ ދަށުން ހިންގަމުން އަންނަ ހާއްސަ ހަރަކާތްތަކެކެވެ.