މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުވެސް ވަނީ މި ދެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް ކޯޓުން ތާވަލުކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުންނާއި މޫސުން ގޯސްވުމުގެ ސަބަބުން އެމަނިކުފާނުގެ އެދުމުގެ މަތިން އެދުވަހުގެ ޝަރީއަތް ކޯޓުން ކެންސަލް ކުރީއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. އެ މައްސަލަ މިހާރު އޮތީ ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ މަރުހަލާގައެވެ. މި ދެ ދައުވާގެ ޝަރީއަތް ފަށާފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިހާރު އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ތާއީދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު