އަންހެނުން

ސްކޮޓްލޭންޑް ތާރީހުގެ ތެރެއަށް: ސެނިޓަރީ ޕްރޮޑަކްޓުތައް ހިލޭދޭ ބިލު ފާސްކޮށްފި

ހަތަރު އަހަރުގެ ކެމްޕެއިނަކަށްފަހު އަންހެނުން ހައިލުވުމުން ބޭނުންކުރާ ތަކެތި (ސެނިޓަރީ ޕްރޮޑަކްޓްސް) ހިލޭ ދޭ ފުރަތަމަ ގައުމަށް ސްކޮޓްލޭންޑް ވެއްޖެއެވެ.

އިއްޔެ އެގައުމުގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުން އެ ބިލު ފާސްކޮށްފައިވާ އިރު، ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ ސެނިޓަރީ ޕްރޮޑަކްޓްސް ބޭނުންވާ ފަރާތްތަކަށް އެ ހިލޭ ދިނުމަށް ގާނޫނީގޮތުން ލާޒިމުކޮށްފައެވެ.

މައްސަރު ކަންތަކުގައި ބޮޑެތި ހަރަދުތަކެއް ހިނގާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެބިލު ފުރަތަމަ ތައްޔާރުކުރީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ބިލު ފުރަތަމަ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަހަރު ފެބްރުއަރީ މަހުއެވެ.

ބިލު ތައްޔާރުކުރި ފަރާތްކަމުގައިވާ ސްކޮޓްލޭންޑުގެ ލޭބާ ޕާޓީގެ މެންބަރު މޮނިކާ ލެނޮން ހުށަހެޅުއްވި ބިލުގައި ބުނީ މިގޮތަށް ފާސްވެއްޖެ ނަމަ އަހަރަކު 9.7 މިލިއަން ޕައުންޑް އެކަމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"މީގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ. މިއީ ކޮމިއުނިޓީ ލެވެލްގައި ލިބުނު ބޮޑު ކާމިޔާބީއެއް. އަދި މައްސަރު ކަންތައްތަކާ މެދު ހޭލުންތެރިކަން އިތުރުވެގެންވެސް ދިޔަ ކަމެއް. ކުރިން މި ވާހަކަތައް ދައްކަން މީހުން ޖެހިލުންވޭ." ބިލު ފާސްވުމުން އެކަމާ އުފާފާޅުކުރައްވަމުން މީޑިއާއަށް ދެއްވި އިންޓަވިއުގައި މޮނިކާ ވިދާޅުވިއެވެ.

2018 ގައި ނެގި ވޯޓަކުން އެނގުނު ގޮތުގައި އިންގްލޭންޑާއި ސްކޮޓްލޭންޑާއި ވޭލްސްގައި 25 ޕަސެންޓް އަންހެނުން ކޮންމެ މަހަކުވެސް ގިނަ ދުވަސްތަކެއް ސްކޫލާއި އޮފީހަށް ދިޔުމުން މަހުރޫމް ވަނީ ޕީރިއަޑްވުމުން ބޭނުންވާ ސެނިޓަރީ ޕްރޮޑަކްޓްތައް ގަތުމަށް ފައިސާ ނެތުމުންނެވެ. އެ މައްސަލަ ބޮޑުވެ، އިންގްލޭންޑާއި ވޭލްސްގައި ސެނިޓަރީ ޕްރޮޑަކްޓްސް ޕްރިމަރީ އަދި ސެކަންޑަރީ ސްކޫލުތަކުގައި ހިލޭ ބަހަން ފެށިއެވެ.

"މިކަހަލަ ދަނޑިވަޅެއްގައި މި ބިލު ފާސްވުމުން މިއީ އެހެން ގައުމުތަކަށްވެސް ލިބުނު ފިލާވަޅެއް. ސިޔާސީ މަންފާއަށް ވުރެ ބޮޑު އިސްކަމެއް މި ގްލޯބަލް ޕެންޑަމިކް ތެރޭގައި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހޯދައި ދިނުމުގެ މުހިންމުކަން މިގައުމުން މިދައްކައިދިނީ." މޮނިކާ ވިދާޅުވިއެވެ.