ޗައިނާއިން ކުރިއަށްގެންދާ ޖައްވީ ޕްރޮގްރާމްގެ ދަށުން، "ޝެންޖޯ-23" މިޝަން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ.
"ލޯންގް މާޗް 2އެފް" ރޮކެޓެއްގައި ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން ފެށި މި ދަތުރުގެ އެންމެ ހާއްސަ އެއް ކަމަކީ، ޕޭލޯޑް ސައިންޓިސްޓެއްގެ ގޮތުގައި އުމުރުން 43 އަހަރުގެ، ތިން ކުދިންގެ މަންމައެއް އަދި ކުރީގެ ފުލުހެއް ކަމަށްވާ ލައި ކާ-ޔިންގ ބައިވެރިވުމެވެ.
ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށްފައިވާ ލައި އަކީ ހޮންގްކޮންގް ފުލުހުންގެ އިސް މަގާމެއް ކުރިން ފުރުއްވާފައިވާ ކަނބަލެކެވެ. އޭނާއަކީ ޗައިނާގެ ޖައްވީ ޕްރޮގްރާމްގައި ބައިވެރިވި ހޮންގްކޮންގަށް ނިސްބަތްވާ ފުރަތަމަ އެސްޓްރޮނޯޓެވެ. މީގެ ކުރިން ޗައިނާއިން ޖައްވަށް ފޮނުވި އަންހެން އެސްޓްރޮނޯޓުންނަކީ އަސްކަރިއްޔާއަށް ނިސްބަތްވާ ފަރާތްތަކަށް ވާއިރު، މިއީ އަސްކަރިއްޔާއަށް ނިސްބަތްނުވާ އާންމު ރައްޔިތަކު ޖައްވަށް ދަތުރުކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. މި މިޝަންގައި ލައިގެ އިތުރުން ދެން ބައިވެރިވަނީ ކޮމާންޑަރު ޖޫ ޔަންގްޖޫ އާއި ޕައިލެޓް ޖަންގް ޖީޔުއާން އެވެ.
މި ކްރޫ ޗައިނާގެ "ޓިއަންގޮންގް" ސްޕޭސް ސްޓޭޝަންގައި ހަ މަސް ދުވަސް ހޭދަކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި ސައިންޓިފިކް ތަހުލީލުތައް ކުރުމާއި، ސްޓޭޝަން ބެލެހެއްޓުމުގެ އިތުރުން ސްޕޭސްވޯކްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ލައިގެ މައިގަނޑު މަސްއޫލިއްޔަތަކީ ސްޓޭޝަންގައި ހުރެގެން މުހިންމު ސައިންޓިފިކް އެކްސްޕެރިމެންޓްތައް ކުރިއަށް ގެންދިއުމެވެ.
ޗައިނާ މޭންޑް ސްޕޭސް އޭޖެންސީ (ސީއެމްއެސްއޭ) އިން ބުނި ގޮތުގައި، މި ލޯންޗަކީ ވަރަށް ކާމިޔާބު ލޯންޗެކެވެ. އަދި އެސްޓްރޮނޯޓުން ހޮވުމުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނަށް ފުރުސަތު ދިނުމަކީ އެ އޭޖެންސީގެ އަމާޒެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެރޯސްޕޭސް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ލައި ފަދަ ފަރާތްތައް މިޝަންގައި ބައިވެރިކުރުމަކީ ޗައިނާގެ އެސްޓްރޮނޯޓުންގެ ޓީމު އިތުރަށް ފުޅާވެ، ހޮންގްކޮންގްގެ ސައިންޓިފިކް ގާބިލުކަމަށް ގައުމުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ