ޖޯ ބައިޑަންގެ ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރާނެ ބޭފުޅުންގެ ބައެއް ނަންތައް އިއުލާންކޮށްފިއެވެ.
އެމެރިކާގެ ރައީސްކަމަށް އިންތިހާބުކޮށްފައިވާ ޖޯ ބައިޑަންގެ ސަރުކާރުގެ ކެބިނެޓްގެ ބައެއް މެމްބަރުންގެ ނަންތައް އިއުލާންކޮށްފައިވާ އިރު، ގިނަ ބަޔަކު އުންމީދުކުރި ފަދަ ތަފާތު ކެބިނެޓެއް ފެންނާނެ ކަމަށް ބެލެވެއެވެ.
ބައިޑަން ވަނީ އޭނާގެ ސަރުކާރެއްގައި އެމެރިކާގެ ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސަށް އެވްރިލް ހެއިންސް އައްޔަންކުރައްވައިފައެވެ. ހެއިންސް ވެގެންދާނީ އެމެރިކާގެ ތާރީހުގައި ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސްގެ މަގާމު ފުރައްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ބައިޑަން ވަނީ ހޯމް ލޭންޑް ސެކިއުރިޓީގެ މަގާމަށް ފުރަތަމަ ފަހަރަށް ލެޓިނޯ ބޭފުޅަކު އައްޔަންކުރެއްވުމަށް ނިންމަވައިފައެވެ. އެމަގާމަށް ހޮވާފައިވަނީ އެލެޖަންޑްރޯ މަޔޯކަސްއެވެ.
ބައިޑަންގެ ސަރުކާރުގެ ކްލައިމެޓް އެންވޯއީގެ މަގާމަށް ވަނީ ޖޯން ކެރީގެ ނަން ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އެންތޮނީ ބްލިންކެން ހަމަޖައްސަވައިފައެވެ.
ބައިޑަންއާ ވާދަކުރައްވައި، އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި ކޯޓަށްވެސް ވަޑައިގެންފައެވެ. ނަމަވެސް ޓްރަމްޕް ވަނީ ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަމުގައި އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.