އަންނަ އަހަރު ޓޫރިޒަމްގެ ދާއިރާއިން ފަސް ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުތަކުން ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ދީފައިވާ ރަށްތަކުގެ ތެރެއިން ނުހެދި، ހުއްޓިފައި ހުރި ރަށްތައް ހަދަން ފެށުމުން، އެރަށްތަކުން އަންނަ އަހަރު އާމްދަނީ ލިބެން ފަށާނެ ކަމަށެވެ. އަދި ޓެކްސް ފައިސާވެސް ލިބެން ފަށާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތަށް އަންނަ އަހަރު ލިބޭނެ އާމްދަނީގެ އަދަދު ސީދާ އެނގިގެންދާނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވުމުން ކަމަށާއި އުންމީދަކީ ހުށަހަޅާފައިވާ ކަންކަން މަޖިލީހުން ފާސްކޮށްދިނުން ކަމަށެވެ.
"އަޅުގަނޑު މި އުންމީދުކުރަނީ ހަމަ މުޅި އެތި ރަނގަޅަށް ހިނގައިފިއްޔާ މުޅިއަކު އަޅުގަނޑުމެންނަށް ފަސް ބިލިއަން ރުފިޔާއާ ގާތަށް ފައިސާ ހޯދުމުގެ ފުރުސަތު އެބައޮތް. އެ ފައިސާ އެގޮތަށް ލިބުނީމަ، ރައްޔިތުންނަށް ލިބޭ އުފާވެރިކަން ވަރަށް ބޮޑުވާނެ. ދެން އަޅުގަނޑުމެންނަށް އެ ހިސާބަށް ނުދެވެންޏާ، 3.3 ބިލިއަންވެސް އެއީ ހަމަ ހިތްހަމަޖެހޭ އަދަދެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑިސެމްބަރު މަހުގެ ތެރޭގައި ޔޫރަޕުގެ ގައުމުތައް އަލުން ހުޅުވާލާނެ ކަމަށާއި އެއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލައި، މިއަހަރުގެ ނިޔަލަށް އެއް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރި ނަމަވެސް އެ އަދަދު މިހާރު ފަހަނަ އަޅައި ގޮސް، ފަސް ލައްކަ ފަތުރުވެރިން މިއަހަރު އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ޓާގެޓަށް ވާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު