ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން ބުނީ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ އިތުރު މީހުންނަށް 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކޮށްފައިވާ ކަމަށެވެ.

ބީއެމްއެލުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ ކޮންމެ މީހަކަށް ވީލްޗެއާއެއް ހަދިޔާ ކުރުމެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއަ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން" ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމެވެ.