އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކޮށްފައި ހުރި ވައްކަންތައް އެނގޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އާޒިމް އެ ތުހުމަތުތައް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމަށް ދޫކުރާ ބިންތަކުން ނަގާ ކުއްޔަށް އެކި އަތޮޅުތައް ކެޓަގަރީކޮށް ބަދަލު ގެނައުމަށާއި އިންޓަގުރޭޓެޑް ޓޫރިސްޓް ރިސޯޓާއި ސްޓްރާޓާ އުސޫލުން ރިސޯޓުތަކުގެ ކޮޓަރި ނުވަތަ ވިލާ، ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ޕްރައިވެޓް އައިލެންޑް ކުއްޔަށް ދިނުމާގުޅޭ އުސޫލުތައް ބަޔާންކޮށް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ހުށަހެޅުއްވުމަށްފަހު އެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒުގެ ނަން ވިދާޅުނުވެ، ނަމަވެސް އޭނާއަށް ނިސްބަތް ކުރައްވައި އަލީ އާޒިމް ވިދާޅުވީ، ކުރާ ވައްކަން އެނގޭ ކަމަށާއި ނޭނގޭ ގޮތަށް ވައްކަން ނުކުރެވޭނެ ކަމަށެވެ. އަދިކޮށްފައި ހުރި ވައްކަންތައް ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑެއް ފަހަރެއްގައި ވެސް ނުބުނަން ވައްކަން ކުރަން މާމޮޅުވާނެއެކޭ ތިމަންނާ އަށް މިކަންކަން ކޮށްލެވިދާނޭ އެއްވެސް މީހަކަށް ނޭނގޭ އުސޫލުން. ނޫން ނުވެސް ކުރެވޭނެ. އެ ފުރުސަތެއް ވެސް އަޅުގަނޑުމެން ނުވެސްދޭނެ. ވައްކަން ނޭނގޭ ގޮތަކަށް ވެސް ނުކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ކުރާ ވައްކަން ވެސް. އަޅުގަނޑުމެންނަށް އެބަހުރި އެކަންކަން ފެންނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ކޮށްފައި ހުރި ކަމަށް އޭނާ އެ ވިދާޅުވާ ވައްކަމުގެ ވާހަކަ ނުދައްކަވަނީ މައްސަލަ ރީތިކޮށް ހައްލު ކުރައްވަން އުއްމީދު ކުރައްވާތީ ކަމަށެވެ.