(އަށާޅީސްވަނަ ބައި)

ޒިހާނަށް ހޮޓެލާ ހަމައަށް ދެވުނީ އެދުވަހު ހަވީރު 4:30 ވާން ގާތްވެފައި ވަނިކޮށެވެ. ހޮޓެލަށް ވަދެގެން ގޮސް ޒިހާން ލިފްޓުން ދިޔައީ ހޮޓެލްގެ އެންމެ މަތީ ފަންގިފިލާއަށެވެ. ޔުނާއާއި އޭނާ ހިފައިގެން އުޅޭ ކޮޓަރި ހުރީ އެ ފަންގިފިލާގައި ކަމަށްވުމުންނެވެ.

ޒިހާން އެމީހުންގެ ކޮޓަރީގެ ކައިރިއަށް ގޮސް އަތުގައި އޮތް ކާޑުން ދޮރު ހުޅުވައި ކޮޓަރިއަށް ވަނުމާއެކު ލޯތްބާއެކީ ސަލާން ގޮވައި ޔުނާއަށް ގޮވާލިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ކޮޓަރީގައި ޔުނާ ނެތްކަން އެނގުމުން ޒިހާނަށް ހާސްކަމެއް ލިބުނެވެ. އިސާހިތަކު ފޯނު ނަގައި ޔުނާގެ ނަންބަރަށް ގުޅާލަމުން ކަންފަތުގައި ޖައްސާލެވުނެވެ. މާ ގިނަ ރިންގެއް ނުއިވި އެކޮޅުން ޔުނާ ޖަވާބު ދިން އަޑު އިވުނެވެ.

"ކޮންތާކު ޔުނޫ ތިހިރީ؟" ޒިހާނަށް ދެންވެސް އަހައިލެވުނީ ކަންބޮޑުވުމަކާ އެކީގައެވެ.

"މި އިނީ މި ހޮޓެލްގެ އެންމެ ރޮމޭންޓިކް ތަނުގައޭ. އަހަރެންގެ ޑޭޓް ނައިސްގެން. އަޅެ ގެސްކޮށްލާފައި އާދެބަލަ...." އެކޮޅުން ޔުނާގެ ސަމާސާވެރި ރާގު އިވިގެން ދިޔުމާއެކު ޒިހާނަށް ހިނިތުންވެލެވުނެވެ.

"ކޮން ތަނެއްބާ؟ ވިސްނާލާފައި އެބަ އަންނަން." ޒިހާން ބުންޏެވެ. އެހެން ބުނި ވަގުތު ވެސް ޔުނާ ހުންނާނީ ކޮން ތަނެއްގައި ކަން އޭނާއަށް އެނގުންވިއެވެ. ޔުނާއާއި ކައިވެނިކުރުމުގެ ކުރިންވެސް ޔުނާ ހޮޓެލްގެ އެ ބައިގައި ހުރި މަންޒަރު ޒިހާނަށް ފެނިފައި ވާތީވެއެވެ.

ފޯނު ކޮޓަރީގެ ރީތިވާ މޭޒުމަތީގައި ބޭއްވުމަށްފަހު ޒިހާން ކޮޓަރިން ނިކުންނަން ދިޔައީ ވެސް ހިނިތުންވުމަކާ އެކީގައެވެ. ޒިހާން ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް އައިސްފައިވީ އެމްސްޓާޑަމްގެ ނަންބަރަކުންނެވެ.

**

ލަސް ހިނގުމެއްގައި ޒިހާން ދިޔައީ ހޮޓެލްގެ އެ ފަންގިފިލާގައިވާ ހާމަ ރެސްޓޯރެންޓާ ދިމާލަށެވެ. ހޮޓެލްގެ ތެރެއިން ރެސްޓޯރެންޓަށް ނިކުމެވޭ ދޮރު ހުޅުވިފައިވުމުން އެތަނާ ކައިރިވަމުން ދިޔަދިޔަހެން ވެސް ފިނިފިނި ވައިރޯޅިއެއް އައިސް ޒިހާންގެ މޫނުގައި ބީހި އިސްތަށިގަނޑާ ކުޅެލިއެވެ. ޖީބަށް އަތްޖަހައިގެން ހުރެ އެ ދޮރު މައްޗަށް އެރި ވަގުތު ހުސްވެސް ފެނިގެން ދިޔައީ ހުސް މޭޒުތަކެވެ. އެހެނަސް ރަނގަޅަށް ބަލައިލިއިރު އެތާ ވަށައިގެން ހުރި ރެއިލިންގްގެ ކަނެއްގައި ހުރި މޭޒުގައި ޔުނާ އިނެވެ. ޔުނާ އޭނާއަށް ފަސްދީގެން އިނެއްކަމަކު އެ މޭޒުގައި ފައިލްތަކެއް ހުރި ގޮތުންނާއި ޔުނާ އެއްޗެއް ލިޔަމުން ދިޔަހެން ހީވި ގޮތުން ޔުނާ މަސައްކަތް ކުރަނީކަން އެނގުނެވެ.

ޔުނާ އިނީ ހަމަ ހަގީގަތުގައި ވެސް ބުރަ މަސައްކަތެއްގައެވެ. އޭނަ ދިޔަފަހުން މަތީ މަގާމުގައި ހުރި ފަރާތް ހޮޓެލްގެ ކަންތައް ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަން އެނގުނީ މިއަދެވެ. އަތުގައި އޮތް އައި ޕެޑުން ހިސާބުތަކުގެ ޢަދަދުތަކަށް ބަލަން ގެއްލިފައި އިންދާ ޔުނާގެ ލޯމަތީގައި އެއްއަތް އެޅިގެން ދިޔައެވެ. އެ އަތުގެ ފުރަތަމަ ބީހުމާއެކު ވެސް އެއީ ކާކުކަން ޔުނާއަށް އެނގި ހިނިތުންވެލެވުނު ވަގުތު އައި ޕެޑް މޭޒުމަތީގައި ބޭއްވުނެވެ.

"ކާކުތޯ؟" ޔުނާ ރާގަކަށް އަހައިލިއެވެ.

"ކާކުހެން ހީވަނީ؟" ޒިހާން އެ ސަމާސާގައި ބައިވެރިވިއެވެ.

"ހުމް...ލެޓްސް ސީ، ސަޅި ބިޓެއްހެން ހީވަނީ." ޔުނާ ބުންޏެވެ. އެއާއެކު ޒިހާނަށް ހެވިގެން ދިޔަދިޔަހެން ޔުނާއަށް ވެސް ހެވުނެވެ. އެއަށްފަހު ޒިހާން ޔުނާގެ ލޯމަތިން އަތް ނަގާލުމުން ޔުނާ ފަސްއެނބުރި ޒިހާނަށް ބަލައިލިއެވެ.

"ސީ؟ އައި ވޯޒް ރައިޓް!" ޔުނާ އުޖާލާވި ހިނިތުންވުމަކާއެކީ ބުންޏެވެ. ޒިހާންގެ ސޫރަ ފެނުމުން ވެސް އޭނައަށް އުފަލެއް ލިބޭ ފަދައެވެ.

"ހޫނ....ދެން ހެވޭ! ތިއީ ޑޭޓަކަށް އިންތިޒާރު ކޮށްގެން އިނީ؟ ހާދަ ހުހޭދޯ މިތަން؟" ޒިހާން ގޮސް ޔުނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"އާނއެކޭ! އަހަރުމެން ދިޔަފަހުން މި ރެސްޓޯރެންޓަށް އަންނަ ކަސްޓަމާސްގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެއްޖެ. ނޭނގެ މީތި ފިކްސް ކުރެވޭނެ ކަމެއް ވެސް...." ޔުނާ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ބުންޏެވެ.

"ކުރެވޭނެއޭ ޔުނޫ އިން ޝާ ﷲ! ތިއީ ޔުނޫއެއްނު؟ ޔަޒްދާންބެއާ އެއްވަރަށް މި ބައިގަ އަހަރުމެން އެކްސްޕީރިއެންސް ނުހުރެދާނެދޯ؟ މިކަންކަން އިތުރަށް އެނގޭ މީހުންގެ ހިޔާލުތައް ހޯދައިގެން ވިޔަސް ރަނގަޅު ކުރެވޭނެ އިން ޝާ ﷲ! އަހަރެންވެސް ހެލްޕްވާނަން ވީ ވަރަކުން. ކިހިނެއްވެގެން މިއުޅެނީ އަސްލު؟" ޒިހާން އެހެން ބުނެ އެތާ އޮތް ފައިލެއް ނަގައި ހުޅުވަމުން ބުންޏެވެ.

"އަސްލު މާކެޓިންގްގެ ބައި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްވީމަ މިހެން މިވީ..... އޮހް އެންޑް ބައި ދަ ވޭ! މިއަދު އެއްކަލަ ބޭންކް ސްޓޭޓްމެންޓްތަކުގެ ކަންތަކާ އުޅުނީމޭ...." ޔުނާ ކުއްލިއަކަށް ބުންޏެވެ. އެއާއެކު ޒިހާން ވަގުތުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔުނާ ކަންތައް ވީ ގޮތް ކިޔައިދިނެވެ. މަރީއާއި އޭނާއާ ދެމެދު ދެކެވުނު ވާހަކަތަކުން ފެށިގެން ގޮސް ބޭންކުގައި ކަންތައް ވީ ގޮތާ ހަމައަށެވެ.

"ދެން ފަހުން ޔޫސުފް އެ ބޭންކް ސްޓޭޓްމެންޓްތައް ފޮނުވިއޭ 2 ގެ ކުރިން އޮފީހަށް. އެކަމަކު އަމިއްލައަކަށް ނާދޭ. ވަރަށް ބޮޑަށް ބަލިވެ އުޅޭކަމަށް ބުނެ އާރލީ ލީވްއެއް ނެގީ. ހަމަ އަސްލުވެސް އެ ސްޓޭޓްމެންޓްތަކުގަ މައްސަލައެއް އެބައުޅޭ...." ޔުނާ ވިސްނުމެއްގައި އިނދެ ބުންޏެވެ.

"ހުމް....ހަމަ ރަނގަޅަށް ޔުނާ ހެދީ. ޔުނާ ސީއީއޯގެ މަގާމުގައި ހުރުން ވަރަށް މުހިއްމު. ދެން އޭނާ އައީމަ ސުވާލުކުރޭ. އެހެން ނޫނީ މިއަދުވެސް ގުޅާލަންވީއެއްނު؟" ޒިހާން ހަގީގަތާ ހަމައަށް ދާން ކެތްމަދުވެފައިވުމުން ބުނެލެވުނެވެ.

"އެކަހަލަ ވާހަކަތައް ދައްކަން ރަނގަޅު ވާނީ ފޭސް ޓު ފޭސް ކޮށް ދޯ؟ އެހެން ނޫނަސް މިއަދު އަހަރެން އެކަން ކުރާހިތެއް ނުވޭ. އައިމް ނޮޓް ފީލިންގް ވެލް ޓުޑޭ އަސްލު. ބޮލުގައި ރިއްސަނީ. ދޭތެރެދޭތެރެއިން ބޯ އަނބުރާހެން ވެސް ހީވޭ." ޔުނާ ބުންޏެވެ.

"އެއްކަލަ ކުއްޖާ މީލްސް ސްކިޕްކުރީދޯ ހަމަ؟" ޒިހާން އެހިއެވެ.

"ނޯ ވޭ! ޒިހާންއާ ޕްރޯމިސްކޮށްފައި އޮތްވާ ކިހިނެއް އަހަރެން ސްކިޕްކުރާނީ؟ އެހެން ދުވަހަށްވުރެ ރަނގަޅަށް ކެއިން." ޔުނާ ބުނެލިއެވެ.

"އެހެންތަ؟ ޑޮކްއަށް ދައްކަން ދާންވީ ދޯ އެހެންވީމަ؟" ޒިހާން ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ބުންޏެވެ.

"އުނހު ދެން މިރޭ ރެސްޓްކޮށްލާފައި ރަނގަޅު ނުވިއްޔާ ދާނީ. ވެދާނެ ސްޓްރެސްވީމަ ކަމަށްވެސް.... ވަރަށް ވަރުބަލިވެއްޖެ." ޔުނާ އެހެން ބުނެ ގޮނޑިއަށް ލެނގިލަމުން ފުން ނޭވައެއް ދޫކޮށްލިއިރު އެ ލޯމަތިން ވެސް ވަރުބަލިކަން ފެނުނެވެ.

"މަސައްކަތް ހުއްޓަންވީ ވަގުތު ނޭނގޭ ކުދިންނަށް ވާނީ ތިހެން." ޒިހާން އެހެން ބުނެލީ ގޮނޑިން ތެދުވަމުން ޔުނާގެ ކައިރިއަށް ދަމުންނެވެ. ޔުނާގެ ކައިރިއަށް ގޮސް އިތުރު އެއްޗެކޭ ވެސް ނުބުނެ ޔުނާ އަތްދަނޑިމައްޗަށް އުފުއްލައިލިއެވެ. އެހިނދު ޔުނާއަށް ލުއި ހަޅޭކެއް ލައްވާލެވުނެވެ. ތިބެވުނު ތަން ހަނދާންވުމުން ޔުނާ ލަދުވެސް ގަންނަ ގޮތްވިއެވެ.

"ޒިހާން..... މީހުންނަށް ފެންނާނެއޭ!" ޔުނާއަށް ދެލޯ ބޮޑުކޮށްގެން އޮވެ ބުނެލެވުނެވެ.

"އަސްލުވެސް؟ މަށަކަށް ނުފެނޭ މީހެއް." ޒިހާން އެއްބުމަ އަރުވައިލަމުން ބުންޏެވެ.

"ޑިއުޓީން އައި ގޮތަށް ފެންވެސް ނުވަރާތަ ތިއައީ؟" ޔުނާއަށް ކަމެއް ފާހަގަވުމުން އަހައިލެވުނެވެ.

"ހުމް.... ކުދިންކުދިން މިސްވާވަރުން ހަމަ ނުހުރެވިގެން." ޒިހާން އެހެން ބުނެ ޔުނާ އިތުރަށް ގާތްކޮށްލީ ސަމާސާ ކުރުމަށެވެ. ދުވި ވަހާއެކީ ޔުނާ އޯކަށް ދަމާކަމަށް ހެދުނެވެ. އެ ހަރަކާތުން ހަމަ އަސްލުވެސް އިތުރަށް އޭނާ އޯކަށް ދެމިގޮތުން އޭނާ ރަނގަޅެއް ނޫންކަން އެވަގުތު ޔުނާއަށް އެނގުނެވެ.

އޭގެ ގަޑިއިރެއްހާއިރު ފަހުން ޒިހާން އިނީ ޔުނާގެ ބޯ މޮޑެދޭށެވެ. ޒިހާން ކޮޓަރީގައި ހުރި ސޯފާގައި އިންއިރު ޔުނާ އިނީ ސޯފާގެ ކުރިމަތީގައި އެޅިފައި އޮތް މަޑު ކާޕެޓް މަތީގައެވެ. ޒިހާންގެ އިނގިލިތަކުގެ އިހުސާސުން ވަމުން ދިޔަ އަރާމުން ޔުނާއަށް އިނދެވުނީ ދެލޯ މަރައިގެންނެވެ. އެހެން ތިބިއިރު ވެސް އެނދެމެދުގައި އެކިއެކި ވާހަކަތައް ދެކެވި ސަމާސާތަކެއް ކުރެވުނެވެ. ރެސްޓޯރެންޓުގައި ތިބެފައި ކޮޓަރިއަށް ވަނީއްސުރެ ޒިހާންގެ ސަމާލުކަން މުޅިންވެސްވީ ޔުނާއަށް ކަމަށްވުމުން އޭރުވެސް އޭނަގެ ފޯނު އޮތް ގޮތަށް އޮތެވެ. އެދުވަހު ހަވީރު ލިބުނު ދަޢުވަތުގެ މަތިން ޒިހާން ހަނދާންވީ އެއިން ވާހަކައެއްގެ މެދުތެރެއިންނެވެ.

"އޭ އަދި ހަނދާން ނެތިފައޭ މި އިނީ. މިއަދު އަހަރުމެންނަށް ލިބިއްޖެ ވެޑިންގްއަކަށް ދައުވަތެއް. އަހަރެން ޓީމުގައި އުޅޭ 23 އަހަރުގެ ސޮރެއް." ޒިހާން ދެންވެސް ޔުނާގެ ބޮލުގައި އިނގިލިތަކުން ފިރުމަމުން ވާހަކަ ދެއްކިއެވެ.

"އަސްލުވެސްތަ؟" ޔުނާ ބުންޏެވެ.

"ހުމް.... އޭނާގެ ހުރިހާ ފްރެންޑުން އޭނާއާ ދިމާކުރަމުން ދިޔައީ. މޫނު ރަތްކަމުން ހީވަނީ އެހެން ކަމެއްހެން. ދައުވަތު ދިންއިރު ވެސް އޭނާ ހެވިފައި ހުރިވަރުން ހުރިހާ ދަތެއް ފެނޭ." ޒިހާން ކިޔައިދިނެވެ.

"އޯންވް! ސޯ ކިއުޓް މާ ޝާ ﷲ! އަހަރުމެންނަށް އެގޮތަށް ނުވޭދޯ؟ މުޅިން ސަކަރާތްކޮށް ދިޔައީ. އަދި އެއްފަހަރު އަހަރުމެން އެބައި ޖައްސަން އަހަންނަށް ފެންނަނީ..." ޔުނާ ބުންޏެވެ.

"ހެހެ..... އަސްލުވެސް.... އަދި އެނގޭތަ؟ އެ ވެޑިންގް އޮތީ ވެސް ޔަޒްދާންބެއާއި އަހަރެން ވަރަށް ގިނައިން ގޮސް އުޅޭ ރެސްޓޯރެންޓެއްގައި..." ޒިހާން ބުންޏެވެ. އެއަށްފަހު އެ ރެސްޓޯރެންޓުގެ ނަން ވެސް ބުންޏެވެ. ޔުނާއަށް ވެސް އެ ރެސްޓޯރެންޓް އެނގެއެވެ. އޭނާއަށް ވެސް ނޭނގޭ ސަބަބަކާ ހުރެ ދޮންބެ އެ ރެސްޓޯރެންޓަށް ދާން ވަރަށް ގިނައިން ހިޔާރު ކުރި ވާހަކަ ޔުނާ ބުންޏެވެ. އެ ވާހަކަތަކުގެ ތެރެއިން ދޮންބެ މަތިން ހަނދާންވެގެން ދިޔުމުން ޔުނާ މާޔޫސްވިއެވެ. ޔުނާ ދެރަވިކަން އެނގުންވުމުން ޒިހާންގެ ހިތް ވެސް ދެރަވާ ގޮތްވިއެވެ. ހިނދުކޮޅަކަށް ނަމަވެސް މިއަދު އޭނާއަށް ފެނުނު ކާރާ ބެހޭގޮތުން ޔުނާއާ ވާހަކަ ދައްކާލަން ބޭނުންވިއެވެ. ހުދު އޭނާވެސް އެކަމާ މެދު ފިކުރުކޮށް ވަރުބަލިވެފައިވުމުންނެވެ. އެހެނަސް އެ ވަގުތު ޔުނާގެ ހާލަތަށް ވިސްނާފައި ޒިހާން އެ ވާހަކަ ފަސްކުރިއެވެ. އަދި ބަދަލުގައި ޔުނާ އެނދާ ހަމައަށް ގެންދިޔައީ ވެސް އޭނާގެ އަތްދަނޑިމައްޗަށް އުފުއްލައިގެންނެވެ.

ޔުނާ އެނދުގައި ބޭއްވުނުތާ މާ ގިނައިރެއްނުވެ ނިދުނެވެ. ޒިހާން ވެސް އިތުރަށް ހޭލާ ހުންނަން ބޭނުން ނުވުމުން ނިދަން ނިންމިއެވެ. ނިދަން ތައްޔާރުވެ ހެދުން ބަދަލުކޮށްލައިގެން ޒިހާން ރީތިވާ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނެގީ އޭތި އަރިމަތީ މޭޒުމަތީގައި ބޭއްވުމަށެވެ. އެހެނަސް ފޯނު ނެގި ވަގުތު ސްކްރީން ދިއްލިގެން ދިޔުމުން ދިގު ނަންބަރަކުން އައިސްފައިވި މެސެޖެއް ފެނިފައި ޒިހާންގެ ދެ ބުމަ ކައިރިވިއެވެ. ފޯނު ހުޅުވައި ބަލައިލިއިރު އެ މެސެޖުގައި އޮތީ 'ހެލޯ' އެވެ. ނަންބަރުގެ ކުރީގައި ހުރި ތިން ނަންބަރުން އެއީ އެމްސްޓާޑަމްގެ ނަންބަރެއްކަން ޒިހާނަށް ނަގައިގަނެވުނެވެ. އެހެނަސް އެމްސްޓާޑަމްއިން އޭނާއަށް މެސެޖު ކުރަންޖެހޭނެ މީހަކު ނުވިސްނުމުން އެއީ ނުބައި ނަންބަރެއްކަމަށް ޒިހާނަށް ހިނދުކޮޅަކަށް ނިންމުނެވެ. އެހެންވުމާއެކު ވަރުބަލިވެސް ވެފައިވުމުން ޒިހާން އެ މެސެޖަށް ވަކި ޖަވާބެއް ނުދީ ގޮސް ފޯނު އަރިމަތީ މޭޒުމަތީގައި ބޭއްވުމަށްފަހު އެނދުގައި އޮށޯތެވެ.

އޭގެ ފަހުން ޒިހާނަށް ނިދުނުތާ މާ ގިނައިރެއް ނުވެ ޒިހާނަށް ހޭލެވިގެން ދިޔައީ އޭނާގެ ފޯނު ވައިބްރޭޓްވާ އަޑަށެވެ. އެ އަޑު ނުކެނޑުމުން ޒިހާން އުނދަގުލާއެކީ ލޯ ހުޅުވައި އަރިމަތީ މޭޒަށް އަތް ދިއްކޮށް ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނުން އެ ދިގު ނަންބަރު ފެނިފައި އަނެއްކާވެސް ޒިހާންގެ ދެބުމަ ކައިރިވިއެވެ.

ސިކުންތުކޮޅެއް ވަންދެން ސްކްރީނަށް ބަލަން އިނދެފައި ޒިހާން ފޯނު ނަގަން ނިންމިއެވެ. އެހެނަސް ޔުނާއަށް އުނދަގޫކުރަން ބޭނުމެއް ނުވުމުން އޭގެ ކުރިން އެނދުން ފޭބުމަށްފަހު ހިނގާފައި ގޮސް ބެލްކަންޏަށް ނިކުތެވެ. އެއަށްފަހު ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.

"ހެލޯ؟" ޒިހާން އިނގިރޭސިން ޖަވާބު ދިނީ އެކޮޅުގައި ހުންނާނީ އިނގިރޭސިއެއް ކަމަށް ނިންމަމުންނެވެ.

"ހައި..... ހާދަ ވަރަކަށް މަސައްކަތް ކޮށްފީމޭ ޒިހާނަށް ގުޅޭތޯ.... ގުޅި ދުވަހު ޒިހާންގެ ފޯނު ތަޅައިގެން ދިޔަ ވާހަކަ އަހަންނަށް އިވުނީ މާ ފަހުން..." އެކޮޅުން އިވުނީ ބަރު އަޑެކެވެ. އިވުނު ވާހަކަތައް ދޭހަކުރެވުނު ވަގުތު އެމީހާއަށް އޭނާގެ މައުލޫމާތު އެނގޭކަން ޒިހާނަށް އެނގުންވިއެވެ.

"ތިއީ ކާކު؟" ޒިހާނަށް އަހައިލެވުނެވެ.

"ވެލް..... އަހަރެން މިއީ ޒިހާނާ ބެހޭ މީހެއްވެސް ނޫން އެކަމަކު...... މިއަދު ޒިހާނަށް އަހަރެންގެ ކާރު ފެނިފައި ގޮތެއްވި ދޯ؟" އެމީހާ ކޮށްލި ސުވާލު ސިކުނޑިއަށް ނެގިގެން ދިޔަ ވަގުތު ޒިހާންގެ މެއަށް ފިނިވެގެން ދިޔައެވެ.