މިއަހަރުގެ ޓިޓީއެމް ޓްރެވަލް ސަމިޓް ވާޗުއަލް ކޮށް ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްގެންދާ ޓީޓީއެމް ސަމިޓް، ޓީޓީއެމްގެ ފޭސްބުކް އަދި ޓުވިޓާ ޕްލެޓްފޯމުގައި ލައިވްކުރާނެއެވެ. މިއީ މި ހަރަކާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.

ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވެލް ޓްރޭޑް ފެއާ އެވެ. މިއަހަރުގެ ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމާ ގުޅޭގޮތުންނެވެ.

ޓީޓީއެމް ޓްރެވަލް ސަމިޓް ކުރިއަށްގެންދާ އޯކާ މީޑިއާ ގްރޫޕުން ބުނީ، އެ ސަމިޓުގައި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެ، ރާއްޖޭގެ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލުކުރާނެ ކަމަށެވެ.

މި ސަމިޓުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ކޮޅަށް ޖެހުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތަކާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަދައްކަވާނެއެވެ. މީގެ އިތުރުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައާޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ހަސަނާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުވެސް ވާހަކަދައްކަވާނެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް 2020 ވާޗުއަލްގެ ތެރެއިން އެގްޒިބިޓަރުންނާއި ޓްރޭޑް ވިޒިޓަރުންނާ ދެމެދު ޕްރީ ޝެޑިއުލްޑް ބައްދަލުވުންތައް މިމަހުގެ 25 އިން 26 އަށް އޮންނާނެއެވެ. މިއަހަރުގެ ސަމިޓު ކުރިއަށްދާނީ ޓީޓީއެމް ކަނެކްޓް ސޮފްޓްވެއާ މެދުވެރިކޮށެވެ.