އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އީސީއަށް މެމްބަރުން އައްޔަންކުރަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަކްރަމް މަގާމުން އިސްތިއުފާ ދެއްވީ އީސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން އެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތު ވަނީ ދޮގުކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އާދެމެދު އެ އޮފީހުން ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމް ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.