ދުނިޔެ

އޮކްސްފޯޑްގެ ވެކްސިން 70 ޕަސެންޓް ކާމިޔާބު

މުހައްމަދު އައުޒަމް

ޔުނިވާސިޓީ އޮފް އޮކްސްފޯޑުން އުފެއްދި ވެކްސިންގެ ނަތީޖާ 70 ޕަސެންޓް ކާމިޔާބު ކަމަށް ދައްކައިފި އެވެ.

އޮކްސްފޯޑުން އުފައްދާފައިވާ ކޮވިޑް ވެކްސިން "އެސްޓްރާޒެނެކާ"ގެ ޓެސްޓުތަކުގެ ނަތީޖާއިން އެ ވެކްސިން 70 ޕަސެންޓް ކާމިޔާބު ކަމަށް ދެއްކި ނަމަވެސް ވެކްސިން އުފައްދާ ޓީމުން ވަނީ ޑޯޒުތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްފިނަމަ 90 ޕަސެންޓް ކާމިޔާބުވާނެ ކަމަށް ބުނެފަ އެވެ.

ކޮވިޑް-19އާ ދެކޮޅަށް އުފައްދަން މަސައްކަތް ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯޓެކް ގުޅިގެން އުފެއްދި ވެކްސިން، "ފައިޒާ" ވަނީ 95 ޕަސެންޓް ކާމިޔާބުވެފަ އެވެ. ނަމަވެސް ފައިޒާއާ ހިލާފަށް އޮކްސްވޯޑުގެ ވެކްސިން ރައްކާކުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި އެތައް ގުނައެއް ރައްކާތެރިވާނެ ކަމަށް ވެކްސިން ޓީމުން ބުނެ އެވެ.

އޮކްސްފޯޑް ވެކްސިންގެ ޓެސްޓުތައް ނިމި ހުއްދައަށް އެދުމަށް ތައްޔާރު ވަމުން އަންނަ އިރު، އެ ޔުނިވާސިޓީން ވަނީ ވެކްސިންގެ ބިލިއަން ޑޯޒް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ބުނެފަ އެވެ.

އޮކްސްފޯޑުގެ އެސްޓްރާޒެނެކާ ހޯދުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން އަންނަނީ އޯޑަރު ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުން އެކަނި ވެސް އެ ވެކްސިންގެ 100 މިލިއަން ޑޯޒް ހޯދުމަށް ވަނީ ޕްރީއޯޑާ ކޮށްފަ އެވެ.