ހއ. ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަނުން ފަށާ ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑުވެ، މި ހަފްތާގައި އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފި އެވެ.
މިމަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ވަން" އަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މާލެއިން ހޯރަފުއްޓަށް، އަދި ހޯރަފުށިން މާލެއަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓްގެ ޖާގަ ފުލްވެފައިވާ ކަމަށެވެ. އަދި ހޯރަފުއްޓަށް ދަތުރު ކުރަން ބޭނުންވާ މީހުންގެ ޑިމާންޑު އިތުރުވެ، މިމަހު 28 ވާ ހޮނިހިރު ދުވަހަށް އިތުރު ފްލައިޓެއް ޝެޑިއުލް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އަންނަ ޑިސެމްބަރު މަހުން ފެށިގެން ހަފްތާއަކު ތިން ދުވަހު މޯލްޑިވިއަނުން ހޯރަފުއްޓަށް ފްލައިޓް ބާއްވަން ނިންމާފައިވާއިރު މޫސަ ވިދާޅުވި ގޮތުގައި، މިވަގުތަށް ހުރީ ހުސް ޑައިރެކްޓު ފްލައިޓެވެ. އަދި ފްލައިޓުތައް ޝެޑިއުލްކުރާ ދުވަސް ފަހުން އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވިއަނުން މީގެ ކުރިން ނިންމާފައި އޮތީ މިމަހު އެއް ދަތުރު ކުރުމަށްފަހު އަންނަ ޑިސެމްބަރު މަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ކުރާ ގޮތަށެވެ.
ހޯރަފުށީ އެއާޕޯޓު
ހޯރަފުށީ އެއާޕޯޓު
ހޯރަފުށީ އެއާޕޯޓު