ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފި އެވެ.

ބީއެމްއެލުން ބުނީ، އއ. އަތޮޅު ތައުލީމީ މަރުކަޒަށް ފޯރުކޮށްދިން މި އެހީ އަކީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ތައާރަފް ކޮށްފައިވާ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑަށް، އަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވުނު ޕްރޮޖެކްޓް ކަމަށެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ހޯދައިދިނުމަށް އެ ޕްރޮޕޯސަލް ހުށަހެޅީ އިސްމާއީލް ޝިމާއު އެވެ. މި ޕްރޮޕޯސަލްގެ ދަށުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1000 އަށްވުރެ ގިނަ ފޮތް ލައިބްރަރީއަށް އިތުރު ކޮށްފައިވާއިރު، އެ ފޮތްތަކުގެ ތެރެއިން 500 އަށްވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަން ފޮތްތަކެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ޝިމާއު ބުނި ގޮތުގައި، 235 ކުދިން ތައުލީމު ހާސިލްކުރަމުން އަންނަ އއ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ ހާލަތަށް ބަލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފަ އެވެ. އަދި ޖާގަ އޮތް ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީއަށް ފަރުނީޗަރު ވެސް ބޭނުންވާކަން އޭނާ ފާހަގަކުރި އެވެ.

ޝިމާއުގެ މި ޕްރޮޕޯސަލްގެ ބޭނުމަކަށްވީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސް، ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ އެކަމަށް ޝައުގުވެރި ކުރުވުމެވެ. އަދި މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކީ ނިންމާލުމުގައި އާއިޝަތު އަޒްލީނާ ކޮށްދިން ބުރަ މަސައްކަތް އޭނާ ފާހަގަކުރެ އެވެ.

މި ޕްރޮޖެކްޓާ ގުޅިގެން ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ތައުލީމީ ދާއިރާ އަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓުތައް މެދުވެރިކޮށް އެ ބޭންކުން އެހީފޯރުކޮށް ދޭ އަދި އެ ދާއިރާއަކަށް ހާއްސަ ސަމާލުކަމެއް ދޭ އެއް ދާއިރާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގުރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރުން ބޭނުން ކުރާނެ ފޮތް ހޯދައިދެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ވަނީ ދީފަ އެވެ. އަދި މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.