ރައްޔިތުންނަށް ދޭ އާންމު ހިދުމަތްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދަން ލާޒިމްކޮށް، ހުށަހެޅި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނުދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ހުށަހެޅުއްވި މި ބިލު މަޖިލިހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި، 72 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލުގައި ވާގޮތުން އާއްމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމު ކުރުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދަން ވަނީ ކަނޑައަޅައިފައެވެ.
އެ އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި އާއްމު ބޭނުންތަކުގެ ހިދުމަތް ތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ ކަމާއި އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭނޭ ހިދުމަތަކަށް ހެދުން ހިމެނެއެވެ. އަދި އެ ހިދުމަތަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭނެ، ކާމިޔާބު ކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުތަކަށް ހެދުމާއި ހިދުމަތް ފޯރުކޮށް ދިނުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު ވާދަވެރި ވެއްޓެއް ގާއިމްކޮށް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހި ކުރުން ވެސް މި އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.
މި ބިލު ގަނޫނަކަށްވެ މި އޮތޯރިޓީ އުފެއްދެވުމުން، އެންމެހާ އާއްމު ހިދުމަތްތައް ދެވޭނީ މި އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ. އަދި އެ ލައިސަންސްގެ ދަށުން ދޫކުރާ ހިދުމަތްތަކަށް އަގު ނެގޭނީ އޮތޯރިޓީން ކޮންޓްރޯލްކޮށް ލައިސަންސްގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.
މި ބިލުން އާއްމު ހިދުމަތްދޭ ހުރިހާ ތަންތަން ބަލައި ފާސް ކުރުމާއި ރެގިއުލޭޓް ކުރާނެ އުސޫލުތަކާއި ގަވާއިދުތައް ހެދުމުގެ ބާރު ވަނީ އޮތޯރިޓީއަށް ދީފައެވެ.
ގާނޫނާ ހިލާފުވާ އެކި މައްސަލަ ތަކުގައި އެއްހާސް ރުފިޔާއިން ފެށިގެން އެއްމިލިޔަން ރުފިޔާ އާ ދެމެދުގެ ޖޫރިމަނާ ކުރުމުގެ ބާރު އޮތޯރިޓީއަށް ދީފައިވާއިރު، ބައެއް މައްސަލަތައް ޝަރީއަތަށް ފޮނުވުމުގެ ބާރުވެސްް އޮތޯރިޓީއަށް ދީފައިވެއެވެ.
މި ބިލުުގައިވާ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަޒީ އޮތޯރިޓީގެ ކަންކަން ކުރިއަށް ގެންދަން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް އައްޔަން ކުރަން ޖެހެއެވެ.
މި ބޯޑަށް މެންބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ބިލުން ދީފައި ވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު