އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

ލީޑްސް ދަނޑުގައި ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި، 0-0ގެ ނަތީޖާއަކުން ނިމުނުއިރު، އާސެނަލް އިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ނިކޮލަސް ޕެޕޭއަށް ދެއްކި ރަތް ކާޑާއެކު އާސެނަލްއަށް އުނދަގޫވި ނަމަވެސް، އެޓީމުން ވަނީ ލީޑްސްގެ އެޓޭކްތައް ހުއްޓުވައިފަ އެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ޕެޕޭއަށް ދެއްކި ރަތް ކާޑަކީ، ބޮލުން ލީޑްސްގެ އެޒްޔާން އަލިއޮސްކީގެ މޫނުގައި ޖެހުމުން ރެފްރީ ދެއްކި ރަތް ކާޑެކެވެ. އަލިއޮސްކީއާ މެދު ހިތްހަމަ ނުޖެހި ޕެޕޭ ބޮލުން އޭނާގެ މޫނުގައި ޖެހުމުން ރެފްރީ ރަތް ކާޑު ދެއްކީ ވީއޭއާރު ބެލުމަށްފަހު އެވެ.

އާސެނަލްގެ ފަރާތުން ރޭގެ މެޗުގައި ފެނުނީ ދަށް ކުޅުމެކެވެ. އެޓީމުގެ ފަރާތުން ފޫހި ފުޓްބޯޅައެއް ފެނިގެން ގޮސްފައިވާއިރު، ގޯލަށް އަމާޒުކޮށް ފޮނުވާލީ އެންމެ ދެ ހަމަލާއެކެވެ. އޭގެ ތެރެއިން އެއް ހަމަލާއަކީ 60 ވަނަ މިނެޓުގައި ޕިއޭ އެމްރިކް އަބަމަޔާން ފޮނުވާލި ހަމަލާއެކެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް އަބަމަޔާން ޖެހި ޕެނެލްޓީއަށްފަހު އާސެނަލްއިން ކުޅުނު ފަސް މެޗުގައި ވެސް އަދި ގޯލެއް ޖެހިފައެއް ނުވެ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ލީޑްސް އާއި އާސެނަލް އޮތީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ. ރޭގެ މެޗުން ބަލިވެ އާސެނަލް އިން ކުޅުނު ނުވަ މެޗުން އެޓީމަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. އާސެނަލް މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. ލީޑްސް ތާވަލުގެ 14 ވަނައިގައި އޮތްއިރު، ރޭގެ މެޗުން ތިން ޕޮއިންޓް ނުލިބުނީ ނިންމާލުން ދަށްވުމުންނެވެ.

ރޮޑްރީގޯ އާއި ޕެޓްރިކް ބެންފޯޑު އަދި ރަފީނިއާގެ ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެ އިތުރުން ވެސް ލީޑްސްއަށް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އެ ހުރިހާ ފުރުސަތެއް ވަނީ ބޭކާރުވެފަ އެވެ.