ޖަރުމަނުގެ ގައުމީ ޓީމުގެ ގޮވާލުމަކަށް ތައްޔާރަށް ހުރިކަމުގެ އިޝާރާތެއް ބަޔާން މިއުނިކްގެ ތަރި، ތޯމަސް މުލާ ދީފި އެވެ.

ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ތަޖުރިބާކާރު ފޯވަޑް މުލާ އެގައުމުގެ ގައުމީ ޓީމުން ބޭރުކޮށްލާފައިވަނީ 2019 ވަނަ އަހަރުގެ މާޗުގަ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު މުލާގެ އިތުރުން ޑިފެންޑަރު މެޓްސް ހަމުލްސް އާއި ޖެރޯމް ބޯޓެންގް ވެސް ގައުމީ ޓީމަށް ނުނަގާނެކަން ކޯޗު ޔޮކިމް ލޯ ވަނީ އިއުލާންކޮށްފަ އެވެ.

އާ ޖީލެއްގެ ފެށުމަށް ފުރުސަތު ދިނުމަށް ލޯ ބައެއް ކުޅުންތެރިން ސްކޮޑުން ބޭރުކުރި ނަމަވެސް، އޭގެ ފަހުން ޖަރުމަނަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވެ އެވެ. ހާއްސަކޮށް އެ މައްސަލަތަކަށް އިތުރު ވާހަކަތައް ދެކެވެން ފެށީ އެންމެ ފަހުން ކުޅުނު އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިން އަތުން 6-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

ކުރިން ގައުމީ ޓީމަށް ކުޅުނު މެސުޓް އޮޒިލް ވެސް ޖެރޯމް ބޯޓެންގް އަލުން ޓީމަށް ނެގުމަށް ގޮވާލާފައިވާއިރު، އެގައުމުގެ ގައުމީ ޓީމަށް ކުރިން ކުޅެ، ކޯޗުކަން ވެސް ކުރި ޔާގަން ކްލިންސްމަން ބުނެފައިވަނީ މުލާ ފަދަ ލީޑަރެއް ގައުމީ ޓީމަށް ނަގަންޖެހޭ ކަމަށެވެ.

"ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެއް. ހަގީގަތުގައި ޖަރުމަނު ގައުމީ ޓީމަށް ލީޑަރެއް ބޭނުންވޭ. ސްޕެއިން މެޗުގައި ފެނުނީ ޕާސަނާލިޓީގެ މައްސަލަތަކެއް. ދެ ގޯލެއް ޖެހުމުން ސްޕެއިންގެ ކުޅުން ހަލާކުކޮށްލަން ޖެހޭ، ފައުލެއް ކޮށްގެން ނޫނީ ގޭމް ހުއްޓުވާލައިގެން ނަމަވެސް، އެކަން ނުފެނުން. މުލާއަކީ އެކަންކަން ކުރާނެ ލީޑަރެއް. ބަޔާންގައި ވެސް ޒުވާން ހުރިހާ ކުޅުންތެރިންގެ ލީޑަރަކީ މުލާ. ދަނޑުމަތީގައި އެކަން ފެނިގެންދާނެ. އެ ހުރިހާ ކުޅުންތެރިން ހަދާނީ މުލާ ބުނާ ގޮތެއް. ޔޫރޯއަށް ހައެއްކަ މަސް ދެން އޮތީ، އެހެންވީމާ ވަރަށް ބޮޑު މައްސަލައެއް އެއީ ޖަރުމަނު ގައުމީ ޓީމަށް،" ކްލިންސްމަން ބުނެފައިވެ އެވެ.

ސްޕެއިންއާ ދެކޮޅަށްކުޅެ ވި ބައްޔަކީ 89 އަހަރަށްފަހު ޖަރުމަނުގެ އެންމެ ބޮޑު ބައްޔެވެ. ކޯޗު ލޯގެ ވިސްނުމާމެދު ސުވާލުތަކެއް އުފެދިފައިވާއިރު، 2021 ވަނަ އަހަރުގެ ޔޫރޯއަށް ޖަރުމަނުން ވިސްނަން ޖެހިފައިވާކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކްލިންސްމަންގެ ވާހަކަތަކާ ގުޅިގެން މުލާ ބުނެފައިވަނީ ގައުމީ ޓީމުގެ ބައްޔަކީ ހިތްދަތި ބައްޔެއް ކަމަށެވެ. އަދި އޭނާ ގައުމީ ޓީމުން އިސްތިއުފާ ނުދޭ ކަމަށާއި އަދިވެސް ގައުމީ ޓީމުގެ ޖާޒީލުމަކީ ލިބޭނެ ޝަރަފެއް ކަމަށް މުލާ ބުނެފައިވެ އެވެ.

އުމުރުން 31 އަހަރުގެ މުލާއަކީ 2014 ވަނަ އަހަރު ޖަރުމަނާއެކު ވޯލްޑް ކަޕް ހޯދި މޮޅު ކުޅުންތެރިއެކެވެ. މިހާރު ބަޔާންގެ ޓީމުގައި ވެސް މުހިންމު ރޯލެއް އަދާކުރަމުން އަންނަ މުލާ ވަނީ ކުލަބާއެކު މިދިޔަ ސީޒަންގެ ޓްރެބަލް ކާމިޔާބުކޮށްފަ އެވެ.