ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ގައުމީ ފުޓުބޯޅަ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
އޭއެފްސީ ކަޕުން އެންމެ މަގުބޫލު ގޯލް ހޮވުމަށް ކުރިއަށް ގެންދާ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށްވާ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ދަގަނޑޭ ދަތުރު ކޮށްފައިވާއިރު، އެ ހިސާބަށް ގެންދިއުމުގައި ދިވެހިން ދިން ލޯތްބަށް ޝުކުރު އަދާކުރަމުން ދަގަނޑޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ވާޖިބެއް ކަމަށް އަބަދުވެސް ދެކޭ ކަމަށެވެ.
"ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރު ކުރުމަށް ރެއާއި ދުވާލު ވޯޓު ހޯއްދަވައި ދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން،" ދަގަނޑޭ ބުނެފައިވެ އެވެ.
ސެމީ ފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާން ޖަހާފައިވާ ގޯލަކާ އެވެ. ޕޯލް ފެށިގެން ނިމެންދެން ދިވެހި ސަޕޯޓަރުން ދިޔައީ ފޫހިކަމެއް ނެތި، ދަގަނޑޭއަށް ވޯޓު އަޅަމުންނެވެ. އެތައް ވަގުތެއް އެކަމަށް ހޭދަކޮށް، ދިވެހީން ވަނީ މިފަހަރު ވެސް އާބާދީ ބޮޑު ވިއެޓްނާމްގެ އެތައް ބައެއްގެ ވޯޓު ފަހަތަށް ޖައްސަލައިފަ އެވެ.
ސެމީ ފައިނަލް ދަގަނޑޭ ކާމިޔާބު ކުރީ 54.68 ޕަސެންޓް ވޯޓު ހޯދައިގެންނެވެ. އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިޔާއަށް ލިބިފައިވަނީ 45.32 ޕަސެންޓް ވޯޓެވެ.
ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައި ވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ފައިނަލްގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ހޮންގް ކޮންގްގެ ސައުތް ޗައިނާ ކުލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު