ބޮލީވުޑް

މަސްތުވާތަކެއްޗާއެކު އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

މަސްތުވާތަކެއްޗާއެކު އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް ހައްޔަރުކޮށްފި އެވެ.

ބާރްތީ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާގެ ގެއިންނެވެ. ބާރްތީގެ އިތުރުން އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ހިންގި އޮޕަރޭޝަނަކީ ބޮލީވުޑްގެ ތަރިން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނަކެވެ. އަދި އެ އޮޕަރޭޝަންގައި ބާރްތީގެ ގެއިން 86.5 ގްރާމްގެ ކެނަބިސް ވަނީ ހޯދައިފަ އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި، ވަކިން ހާއްސަކޮށް ބޮލީވުޑްގެ ބައެއް ފެންނާނުން ޑުރަގް ބޭނުންކުރާ މައްސަލަތައް ފެންމަތިވީ ޖޫން މަހުގެ ތެރޭގައި އެކްޓަރު ސުޝާންތު ރާޖްޕޫތު ދަންޖެހިގެން މަރުވި ހާދިސާގެ ފަހުންނެވެ.

އެ މައްސަލަތަކާ ގުޅިގެން ނާކޮޓިކްސް ބިއުރޯ އިން އަންނަނީ ސީރިއަސް ތަހުގީގުތަކެއް ހިންގައި، ބޮލީވުޑްގެ ގިނަ އެތަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދްކޯން އާއި ޝްރަދާ ކަޕޫރާއި ސާރާ އަލީ ޙާން ހިމެނެ އެވެ.