ވޭތުވެދިޔަ 24 ގަޑިއިރު އެމެރިކާއިން 195،500 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ރެކޯޑްކޮށްފިއެވެ.

އެމެރިކާގައި ކޮވިޑް ފެތުރުން ކޮންޓްރޯލްވެފައި ނުވާ އިރު، މިމަހުގެ މިހާތަނަށް އެގައުމުން 2.8 މިލިއަން ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި ބާރަށް ފެތުރެމުން އަންނަ ކޮވިޑުގައި އެއްގައުމަކުން އެންމެ ގިނަ ކޭސް ރެކޯޑުކުރެވިފައި މިވަނީ ވެސް އެމެރިކާއިންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ވެފައިވަނީ އެމެރިކާގެ ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނަވެފައިވާ ދުވަހަށްވެފައެވެ. ޖުމުލަ 82،100 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވެއެވެ.

އެމެރިކާއިން ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގައުމުން މިދިޔަ ހަފުތާގައި އެކަނިވެސް ލައްކައަކަށްވުރެ ގިނަ މީހުން ބަލި ޖެހިގެން ވަނީ މަރުވެފައެވެ.

އެމެރިކާގެ ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު 12 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ އިރު، އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު 254،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.