ވާހަކަ

ހިޔާ - 47

4

(ސަތާޅީސްވަނަ ބައި)

ޒިހާން ޑިއުޓީއަށް ދިޔަތާ ގަޑިއިރެއްހާއިރު ފަހުން ޔުނާވެސް ރީތި ވެލައިގެން ހޮޓެލުން ނިކުމެގެން ގޮސް އޭނާގެ ކާރަށް އެރިއެވެ. ކާރު ސްޓާޓްކޮށް ކާރު ދުއްވާލި ވަގުތު ވެސް އެ މޫނުމައްޗަށް ސީރިއަސްކަން ވެރިވެފައިވީ، ދެންމެ ހޮޓެލުގެ އޮފީސް ތެރެއިން އޭނައާއި މަރީއާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވަމުން ދިޔަ ގޮތުންނެވެ.

"މަރީ.....ކޮބާ ޔޫސުފް؟" ޓަކި ދީފައި އޮފީހަށް ވަންއިރު ޔޫސުފް ފެންނަން ނެތުމުން ޔުނާއަށް ސުވާލުކުރެވުނެވެ. އޭނާގެ ސުވާލު އިވިފައިވެސް މަރީ ހިފަހައްޓައިގެން ހުރި ފައިލްތައް ބިންމައްޗަށް ވެއްޓުނެވެ.

"ން...ނޭނގެ އަ...ޅުގަނޑަކަށް." މަރީ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ. އެއަށްފަހު ބިންމައްޗަށް ވެއްޓުނު ފައިލްތައް ނަގަން އަވަސްވިއެވެ. އޭގެ ތެރެއިން ބައެއް ފައިލްތަކުން ގަނޑުތައް ބޭރުވެސް ވެފައިވުމުން އެކަން އުނދަގޫކަމަކަށް ވިއެވެ. އެހެންކަމުން ޔުނާ ވަކި ބަލަން ނުހުރެ އެ ހިސާބަށް ގޮސް ކުރުފައި މައްޗަށް ތިރިވެ އެ ގަނޑުތައް ނަގަން ފެށިއެވެ. ގަނޑުތަކުގެ ތެރެއިން ބޭންކް ސްޓޭޓްމެންޓްތައް ފެނުމުން ޔުނާއަށް ކުއްލިއަކަށް ފައިލްތަކާ ދިމާލަށް ބަލައިލީ އޭނާ ބަލަން ބޭނުންވި ފައިލް އެތާ އޮތްކަން ޔަގީންވުމުންނެވެ. އެއްފަރާތަކަށް ނަޒަރު ހިންގާލި ތަނާހެން 'ބޭންކް ސްޓޭޓްމެންޓްސް' އޭ ލިޔެފައި އޮތް ބޮކްސް ފައިލް ފެނިފައި ޔުނާ އޭތި ނަގަން އުޅުނެވެ. ޔުނާ އެ ފައިލްގައި ހިފާލި ތަނާހެން މަރީ ދެލޯ ބޮޑުކޮށްފައި ޔުނާގެ އަތުގައި ހިފިއެވެ. އެއާއެކު ޔުނާއަށް މަރީއާ ދިމާލަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟" ޔުނާއަށް ޝައްކުގެ ނަޒަރަކުން މަރީއަށް ބަލަން އިނދެ އަހައިލެވުނެވެ. އެއާއެކު މަރީ ނުތަނަވަސް ހީލުމަކާއެކީ ޔުނާގެ އަތުން ދޫކުރިއެވެ. ޔުނާ ދެންވެސް މަރީއަށް ބަލަމުން އެ ފައިލްއާއި އޭނާގެ އަތުގައި ހުރި ގަނޑުތަކާއެކީ ހިންދެމިލިއެވެ. އެއަށްފަހު އެތާ ހުރި މޭޒު ކައިރިއަށް ގޮސް، މޭޒުމަތީގައި ފައިލް ބޭއްވުމަށްފަހު، އޭނާގެ އަތުގައި ހުރި ގަނޑުތަކަށް ބަލައިލިއެވެ. އެ ވާނީ މިއަހަރުގެ ކަރުދާސްތަކަށް ކަމަށް ޔުނާއަށް ހީކުރެވުނީ އެ ގަނޑުތައް ފައިލަށް ލައްވާފައިވެސް ނެތުމުންނެވެ. އެހެނަސް އެއީ މިދިޔަ އަހަރުގެ ކަރުދާސްތައް ކަން އެނގުމުން ޔުނާގެ ދެބުމަ ކައިރިވިއެވެ. އިސާހިތަކު ފައިލް ހުޅުވައިލަމުން ޔުނާ ގަނޑުތައް ހިއްލަން ފެށިއެވެ. ހިއްލަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔައީ ވޭތުވެދިޔަ އަހަރުތަކުގެ ކަރުދާސްތަކެވެ. މިއަހަރުގެ ކަރުދާސްތައް ނުފެންނާނެހެން ހީވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.

"ކޮބައިތަ މިއަހަރުގެ ބޭންކް ސްޓޭޓްމެންޓްތައް މަރީ؟" ޔުނާއަށް ސީރިއަސްކަމާއެކީ އަހައިލެވުނެވެ.

"އެ....އެއީ...ޔު....ޔޫސުފް ސާރ...އަށް އެނގިލަ..ވާނީ..." މަރީ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

"ކީއްވެ ހަމައެކަނި ޔޫސުފް ސާރއަށް އެނގެންވީ. ހުރިހާ ބޭންކް ސްޓޭޓްމެންޓެއް ގަވާއިދުން މިފައިލަށް ލެވެން ވާނެއެއްނު؟" ޔުނާ ސުވާލުކުރިއެވެ.

"އެއީ....އެއީ....." އިސްޖެހިފައި ހުރި މަރީއަށް ޖަވާބެއް ދެވޭ ގޮތެއް ނުވިއެވެ. މަރީއަށް ބަލަން ހުރި ޔުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަރީގެ މި ނުތަނަވަސްކަމަކީ އާދައިގެ ނުތަނަވަސްކަމެއް ނޫންކަން އެވަގުތު ޔުނާއަށް އެނގުންވިއެވެ. މަރީއަށް މި ބަދަލު މިއައީ ދޮންބެގެ މަރަށް ފަހުން ކަން ވެސް އެ ވަގުތު އެނގުންވިއެވެ. އޭގެ ސަބަބު ދެނެގަތުމަށްޓަކައި ޔުނާ ލަސް ހިނގުމެއްގައި ގޮސް މަރީގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އެއަށްފަހު ލަސްލަހުން މަރީގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

"މަރީ....މަރީ ތިއީ ވަރަށް ކުރީއްސުރެ ދޮންބެއަށް މަސައްކަތް ކޮށްދޭ ވަފާތެރި މުވައްޒަފެއް. ހަނދާންވާ ގޮތުގަ ދޮންބެ މަރީއަށް މި ވަޒީފާ ދިނީވެސް މަރީ ނުހަނު ފައިސާއަށް ބޭނުންވެގެން ދަތިވެގެން އުޅުނު ދުވަސްވަރެއްގައި. މަރީގެ އެހާވަރަކަށް ތަޖުރިބާ ނެތަސް ދޮންބެ މަރީއަށް މި ވަޒީފާ ދިނީ ވަރަށް އިތުބާރުކޮށްފައި. މިއަދު ދޮންބެގެ މަގާމުގައި މިހިރީ އަހަރެން. ދޮންބެ ހެޔޮކޮށް ކަންތައް ކޮށްދިން އެންމެންނަށް ހެޔޮކޮށް ކަންތައް ކޮށްދިނުމަކީ އަހަރެންގެ ވެސް އަޒުމެއް. ވީއިރު މަރީ އަހަންނަށް އެއްވެސް ކަމެއް އޮޅުވައިނުލާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން....." ޔުނާ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ. އެއަށްފަހު މަރީގެ ކޮނޑުން ދޫކޮށްލި ހިނދު މަރީގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ޔުނާ މަރީއަށް ބަލަން ހުރެފައި ވަކި މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. މަރީގެ ފަރާތުން އެ ވަގުތު އިތުރު މައުލޫމާތެއް ލިބިދާނެހެން ހީނުވުމުންނެވެ. އެހެނަސް އޮފީހުން ނިކުމެގެން ގޮސް ލިފްޓާއި ހަމަވަމުން ދިޔަ ވަގުތު ޔުނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު މަރީގެ ނަން ފެނިފައި ޔުނާއަށް ވަގުތުން ކޯލް ރިސީވްކޮށް ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.

"މިއަހަރުގެ ބޭންކް ސްޓޭޓްމެންޓްތައް ޔޫސުފް ސާރ ޝްރެޑްކޮށްފި. ޔުނާ މޭމްއަށް ދައްކަން ބޭނުންނުވީތީ....." ފުރަތަމަ ފަހަރަށް މަރީގެ އަޑު އޮމާންކޮށް ނިކުމެގެން އައެވެ. އެހެނަސް އެ އަޑުގައި ލުއި ތުރުތުރެއް އެކުލެވިފައިވި ގޮތުން މަރީވަނީ ރޮވެން ކައިރިވެފައިކަން ޔުނާއަށް އެނގުނެވެ.

"އެއީ ކީއްވެ ޔޫސުފް ސާރ އެހެން ހެދީ؟" ޔުނާ އެހިއެވެ.

"އަޅުގަނޑަށް.... އަޅުގަނޑު ގާތު ކިޔައިނުދޭން ބުނެފަ އޮތީ. ކިޔައިދީފިއްޔާ އަޅުގަނޑަށް ހަދައިފާނެ ގޮތެއް ނޭނގޭތީ. އެކަމަކު ޔުނާ މޭމް އެ ރޭވުންތަކުން ސަލާމަތް ވައްޗޭ.... އެމީހުން ބޭނުންވަނީ ޔަޒްދާން ސާރއަށް ހެދިގޮތަށް ޔުނާ މޭމްއަށް ވެސް ހަދަން. އެހެން ވިޔަ ނުދެއްޗޭ މޭމް.... އަޅުގަނޑު ލަދުގަނޭ މި ހުރިހާ ދުވަހު އެމީހުންގެ ރޭވުމުގައި ބައިވެރި ވެވުނީތީ. އެކަމަކު އެއީ އެމީހުން ދެއްކި ބިރެއްގެ ސަބަބުން. އެކަމަކު ޔަޒްދާން ސާރ އަޅުގަނޑަށްޓަކައި ކޮށްދެއްވާފައި ހުރި ކަންތައް މޭމް ހަނދާންކޮށްދިނީމަ އަޅުގަނޑުގެ ހިތަށް ކެތްނުކުރެވޭ....." މަރީއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު ރޮވިއްޖެއެވެ. ޔުނާ އެ ވާހަކަ އަޑުއަހަން ހުރެ އެއްޗެކޭ ބުނަން އުޅުނު ވަގުތު އެކޮޅުން ފޯނު ކަނޑާލެވުނެވެ. ޔުނާއަށް ފަސް އެނބުރި އެ އޮފީހުގެ ދޮރާއި ދިމާލަށް ބެލުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެދިމާލަށް ދާން ބޭނުންވިއެވެ. އެހެނަސް މަރީއަށް ހަމައަކަށް އެޅެން ވަގުތު ދޭން ބޭނުންވުމުން ޔުނާ ހިޔާލު ބަދަލުކުރިއެވެ.

ކާރު ދުއްވަމުން ދިޔަ ވަގުތު މަރީ ބުނެލި ފަހު ބަސްތަކާ މެދު ޔުނާއަށް ވިސްނެމުން ދިޔައެވެ. މަރީ އެ ބުނާ 'އެމީހުންނަކީ' ކޮބައިތޯ ހިތަށް އަރަމުން ދިޔައެވެ. މި ހުރިހާ ދުވަހު ޔުނާއަށް ޝައްކު ކުރެވެމުން ދިޔައީ ޔޫސުފްއަށެވެ. ޒިހާންގެ ރޭވުމުގައި ވެސް ޒިހާން އޭނާ ގާތު ކުރިމަތިލާން އެންގީ ޔޫސުފްއާ ކަމަށްވުމުންނެވެ.

"ހޮޓެލްގެ އެންމެ ފަހުގެ ބޭންކް ސްޓޭޓްމެންޓްތައް ހޯދާ. ހޯދާފައި އޭގަ ހުރި ކޮންމެ ޓްރާންސެކްޝަނަކާ މެދު ޔޫސުފްއާ ސުވާލުކުރޭ. ހީވަނީ މިކަން ކޮށްގެން ކޮންމެވެސް ވަރަކަށް ހަގީގަތް ހާމަވާނެހެން...."

އެރޭ ޒިހާން އޭނާއަށް ކިޔައިދިން ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ އެއީއެވެ. އެ ވާހަކައިން ވެސް ދޮންބެގެ މަރުގެ ފަހަތުގައި ވަނީ ޔޫސުފް އެކަނި ކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް މަރީ ދެއްކި ވާހަކަތަކުން އެއީ އެކަކަށްވުރެ ގިނަ މީހުންކަމަށް ނިންމަން މަޖުބޫރުވިއެވެ.

ވިސްނުމެއްގައި އިނދެ ކާރު ދުއްވަމުން ގޮސް ޔުނާ ކާރު ޕާކްކޮށްލީ ބޭންކުގެ އިމާރާތުގެ ކައިރިއަށެވެ. ކާރުން ފައިބައިގެން ގޮސް ބޭންކަށް ވަދެ ނަންބަރެއް ނަގައިގެން ޔުނާ ގޮނޑީގައި އިށީނެވެ. އޭނާގެ ނަންބަރު ޖެހުމުން ޔުނާ ކައުންޓަރު ކައިރިއަށް ދިޔުމަށް ތެދުވެލީ ތަނާހެން ފަހަތުން އޭނާއަށް ގޮވާލި އަޑު އިވުނެވެ.

"ޔުނާ މޭމް!" އެ އަޑަށް ޔުނާއަށް ފަސް އެނބުރި ބަލައިލެވުނެވެ. އެ ހިނދު އޭނާއާ ދިމާލަށް އަންނަމުން ދިޔައީ ޔޫސުފް ނޫން ދެވަނަ މީހެއް ނޫނެވެ. ޔުނާ ބަލަބަލައި ހުއްޓައި ޔޫސުފް އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލިއެވެ.

"ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ މޭމް..... ރޭގަ ދެއްތޯ މާލެ ތި ދުރުވީ؟" ޔޫސުފް ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ. ޔޫސުފް އޭނައާ މުހާތަބުކުރި ގޮތް މާތްވުމުން ޔުނާއަށް ދެލޯ ހަނިކޮށްލެވުނެވެ. އެންމެ ފަހުން ޔޫސުފް އޭނާއާ ވާހަކަ ދެއްކި އިރު ބޭނުން ކުރީ މިފަދަ ބަހުރުވައެއް ކަމަށް ނުވާތީވެއެވެ. އެކަމުން ވެސް ޔޫސުފް އެ އުޅެނީ އޭނާ ހައްދަން ކަން ޔުނާއަށް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ.

"އާދެ.... ރޭގަ. އަސްލު މިތަނަށް މިއައީ ކަމަކު. މިއަހަރުގެ ބޭންކް ސްޓޭޓްމެންޓްތައް އޮފީހުގައި އޮތް ފައިލުން ނުފެންނާތީ ހޯދަންވެގެން މިއައީ..." ޔުނާ އެހެން ބުނެފައި ދާން އުޅުނެވެ. އެހެނަސް އޭގެ ކުރިން ޔޫސުފް ޔުނާ އަތުން ހިފަހައްޓައިގެން ހުރި ނަންބަރު ކުއްލިއަކަށް ޖަހައިގަތެވެ.

"އާދެ މޭމް ކީއްކުރަންތޯ މިކަހަލަ ކުދިކުދި ކަންތައް ކުރައްވަނީ؟ އަޅުގަނޑު ގޮއްސަ ހޯދާނަން. އަޅުގަނޑުމެން މި ރާވަނީ ޝެއާ ހޯލްޑާސްގެ މީޓިންއެއް ވެސް ބާއްވަން ވަރަށް އަވަހަށް. މޭމްއަށް ސީއީއޯގެ މަގާމު އަނބުރާ ދޭން...." ޔޫސުފް އާދަޔާ ހިލާފު ގޮތަކަށް ހިނިތުންވެ ހުރެ ވާހަކަ ދެއްކި ގޮތުން ޔުނާއަށް ޝައްކުގެ ނަޒަރަކުން ބަލަން ހުރެވުނެވެ. ޔުނާ އެއްފަހަރު ޔޫސުފްގެ އަތުގައި އޮތް ނަންބަރަށް އަނެއްފަހަރު ޔޫސުފްއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު.... މި ހަފްތާ ތެރޭގައި ތި މީޓިންގް ޝެޑިއުލްކޮށްލާ. ބޭންކް ސްޓޭޓްމެންޓްތައް މިއަދު 2 ގެ ކުރިން އަޅުގަނޑާ ހަމައަށް ގެނެސްދެއްވުން އެދެން." ޔުނާ ސާބިތު އަޑަކާއެކީ އެދުނެވެ. އެއަށްފަހު ވަކި މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. އެހިނދު ޔުނާއަށް ބަލަން ހުރި ޔޫސުފްގެ ދަތްކުނޑި ވިކުނެވެ.

**

ޒިހާން އޭނާގެ އާ ޓީމާ ހަވާލުވީ އެދުވަހު ސިފައިންގެ ބަންޑާރަކޮށީގެ ތެރެއިންނެވެ. 12 މެންބަރުންގެ އެ ޓީމުގެ އެންމެންނާ ތައާރަފުވެ ޒިހާން އެ އެންމެންގެ ހާޒިރީ ބެލިއެވެ. އެއަށްފަހު އެދުވަހުގެ ތަމްރީންތަކަށްޓަކައި އޭނާއަށްވުރެ ހަގު އެ 'ކުދިންކޮޅު' ގޮވައިގެން ޖެޓީއަށް ދިޔައީ ސިފައިންގެ ވެހިކަލްތަކުގައެވެ. ޑިއުޓީ ތެރޭގައި ޒިހާން އޭނާގެ ޓީމު މެންބަރުންނާ މެދު ގެންގުޅެނީ ގަވާއިދުގެ މަތިން ހަރުކަށި ގޮތެއް ކަމަށް ވިޔަސް ޒިހާންގެ ހިތުގައި އެ މެންބަރުންނަށްޓަކައި ލޯތްބެއް ވެއެވެ. އޭނާ ހަވާލުވާ ޓީމެއްގައި އުޅޭ ކުދިން އޭނާ ދޭ ތަމްރީންތަކުގެ ދަށުން ކުރިއަރައި ދާ މަންޒަރު ފެނުމަކީ ޒިހާނަށް ލިބޭ އުފަލެކެވެ. އެފަދަ އުފަލެއް ލިބޭ ކޮންމެ ފަހަރަކު ޔަޒްދާންގެ މަތިން ވެސް ހަނދާން އާވެގެން ދެއެވެ. ޒިހާނަކީ އެއް ޒަމާނެއްގައި ޔަޒްދާންގެ ބެލުމުގެ ދަށުގައި އޮތް ޓީމެއްގެ މެންބަރަކަށްވީތީވެއެވެ.

ޑިއުޓީ ތެރެއިން ޔަޒްދާން މަތިން ހަނދާންވަމުން ދިޔަދިޔަހެން އެދުވަހު މަގުމަތިން ފެނުނު ކާރާ މެދު ވެސް ޒިހާނަށް ވިސްނެމުން ދިޔައެވެ. ޔަޒްދާންގެ އެކްސިޑެންޓް ހިނގި ރޭ އެ ކާރު ގޮސް ޔަޒްދާން ދުއްވަމުން ދިޔަ ވެހިކަލްގައި ޖައްސާލީ ޒިހާންގެ ލޯ ކުރިމަތިންނެވެ. ޒިހާން އެ މަންޒަރުގެ ވާހަކަ ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ ކާރުގެ ނަންބަރު ޕްލޭޓުން ފެނުނު ނަންބަރު ވެސް ކިޔައިދިނެވެ. ހޯދި ހޯދުންތަކުން އެއީ މަޝްހޫރު އަދި ނުފޫޒުގަދަ މަޖިލިސް މެންބަރު ލަބީބްގެ ނަމުގެ ދަށުގައި އޮތް ކާރެއްކަން އެނގުނެވެ. އެހެނަސް ލަބީބް ގާތު އެ ސުވާލުކުރުމުން ލަބީބް އެ އެކްސިޑެންޓްގެ ޒިންމާއެއް ނުނެގިއެވެ. ލަބީބް ބުނިގޮތުގައި އެ ކާރު ވަނީ އޭނާގެ މުވައްޒަފެއްގެ އިހުމާލުން ކޮންމެވެސް މީހަކު ވަގަށް ނަގައިފައެވެ. ހޯދި އިތުރު ހޯދުންތަކުން އެއީ ހަގީގަތެއްކަން ވެސް އެނގުނެވެ. އަދި އެކްސިޑެންޓް ހިނގި ވަގުތު ލަބީބް ހުރީ އެހެން ތަނެއްގައިކަން ވެސް ސާބިތުވިއެވެ. އެހެނަސް ކާރު ވަގަށް ނެގީ ކާކުކަމެއް ސާބިތުވާ ގޮތެއް ނުވިއެވެ. ވަގަށް ނެގިއިރު އެމީހަކު މޫނު ފޮރުވައިގެން ހުރީތީވެއެވެ.

އެކްސިޑެންޓަށްފަހު އެ ކާރު މަޑުކުރުމެއްވެސް ނެތި އެތަނުން ދުއްވާލީއެވެ. ތަހުގީގުތަކުން އެ ކާރު އޮތް ގަރާޖު ހޯދުނެވެ. އެހެނަސް އެ ގަރާޖުގެ ވެރިމީހާއަށް ވެސް އެ ކާރުގެ ވެރި ފަރާތުގެ މޫނު ފެނިފައެއް ނުވެއެވެ. އެމީހާ ބުނި ގޮތުގައި ލާރި ދީފައި ކާރުގެ ވެރިފަރާތް އެ ކާރު އެތާނގައި ބާއްވަން އެދުނީ ދެން ދުވަހަކުވެސް އެމީހާ އެތަނަށް ނާންނާނެހެން ހީވާ ފަދައަކުންނެވެ. ކާރުގެ އެއްވެސް ތަނަކުން އެމީހެއްގެ އިނގިލީގެ ނިޝާނެއްހާ މިންވަރުވެސް ލިބޭ ގޮތެއްނުވިއެވެ. އަދި އަމުދުން ގަރާޖުގެ ވެރިމީހާ ބުނި ފަދައިން މަސްތަކެއްވީއިރު ވެސް އެ ކާރު އެތާ އޮންނަން ފެށުމުން އެމީހާ އޭތި ހުޅުމާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ބާއްވަން ފޮނުވާލިއެވެ. އެހާ ހިސާބުން އެ ކާރު ދުއްވި މީހަކު ބޭރު ގައުމަކަށް ގޮސް ފިލީކަމަށް ޒިހާނަށް ވެސް ނިންމިފައިވިއެވެ.

އެ ކާރު މަގުމަތިން ފެނިގެން މިދިޔައީ ޔަޒްދާންގެ އެކްސިޑެންޓްގެ ފަހުން ފުރަތަމަ ފަހަރަށެވެ. މިއަދު އެ ހުރިހާ ކަމަކާ މެދު ވިސްނާލުމުން އެއީ ޖިނާހަށް ވެދާނެތޯ ޒިހާންގެ ހިތް ސުވާލުކުރިއެވެ. ޖިނާހަކީ ލަބީބްގެ ދަރިފުޅަށްވީމައެވެ. އެހެނަސް އެއީ ގަބޫލުކުރެވޭ ފަދަ ހިޔާލަކަށް ނުވިއެވެ. ޔަޒްދާންގެ އެކްސިޑެންޓް ހިނގި ރޭ ޖިނާހު ވީ އެމްސްޓާޑަމްގައި ކަން ޒިހާނަށް މާ ރަނގަޅަށް އެނގޭތީވެއެވެ.

ޑިއުޓީ ތެރެއިން ވެސް ޒިހާނަށް ދޭތެރެދޭތެރެއިން އެކަމާ މެދު ވިސްނެމުން ދިޔައީތީ އެދުވަހު ހަވީރު ޑިއުޓީ ނިމުނުއިރު ހުރީ އާދަޔާ ހިލާފަށް ޒިހާން ވަރުބަލިވެފައެވެ. ޑިއުޓީ ނިންމުމަށްފަހު ބަންޑާރަކޮށިން ނިކުމެގެން އައިސް ޒިހާން ސައިކަލަށް އެރި ވަގުތު އޭނާގެ ޓީމުގެ ބައެއް ކުދިން ވެސް އެ އިމާރާތުން ނިކުމެގެން އައީ އޭގެ ތެރެއިން އެއް ކުއްޖަކާ ދިމާކުރަމުންނެވެ.

"އައްދޭ..... ދެން ކަލޭގެ ދިރިއުޅުން ވެސް ތި އަންނަނީ ނިމުމަކަށް އިނގޭ..... އޭ އޭ.... ސާރ އަށް އިންވައިޓް ނުކުރަންތަ؟" އޭނާގެ ޓީމުގައި އުޅޭ ހަތަރު ވަރަކަށް ކުދިންގެ ތެރެއިން އެއް ކުއްޖަކު ހަރު އަޑުން ވާހަކަ ދައްކަމުން ގޮސް އެއްލި ކަޅިއަކުން އޭނާ ފެނިފައި އަޑު މަޑުކޮށްފައި ވާހަކަ ދެއްކިއެވެ. އެހެން ބުނުމުން އެ ދިމާކުރެވެމުން ދިޔަ ޒުވާނާ ޒިހާނަށް ޖެހިލުންވުމަކާއެކީ ބަލައިލިއެވެ.

"ކޮންކަހަލަ އިންވިޓޭޝަނެއްތަ ފާރިސް؟ ސައި ފޮދެއްތަ އަނެއްކާ؟" ފާރިސް ޖެހިލުންވެފައި ހުރިތާ ހުންނަން ފެށުމުން ޒިހާން ލުއި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އެއާއެކު ފާރިސް ހިނިތުންވުމަކާއެކީ އޭނާގެ އަތުގައި އޮތް ކާޑު ހިފައިގެން ޒިހާންގެ ކައިރިއަށް ދިޔައެވެ.

"އަޅުގަނޑުގެ ކައިވެނި ޕާޓީ، ސާރ! މި އަންނަ ވީކެންޑްގައި އޮތީ." ފާރިސް ޒިހާންގެ އަތަށް ކާޑު ދެމުން ދެންވެސް ހިސާބެއްގެ ޖެހިލުންވުމަކާއެކީ ބުންޏެވެ. ޒިހާން ކާޑަށް ބަލަން ހުރެ ފާރިސްއަށް ބަލައިލަމުން އަލަށް ކައިވެންޏެއް ކުރާ މީހެއް ގާތު ބުނާ އަރަބި ބަސްކޮޅު ބުނެލިއެވެ. އެއަށްފަހު މިއީ ފާރިސްއަށްޓަކައި ކުރި ދުއާއެއް ކަމަށް ބުންޏެވެ.

"ހެހެ.... ތެންކިއު ސާރ. ސާރގެ ފެމިލީ ގޮވައިގެން އަޔަސް އެންމެ ރަނގަޅު." ފާރިސް ފުރިހަމަ ހިނިތުންވުމަކާއެކީ ބުންޏެވެ. ޒިހާންވެސް ބަދަލުގައި ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އެއާއެކު ފާރިސް އޭނާއަށް ފަސްދީފައި ދެން ތިބި މީހުންނާއެކީ ދާން ހިނގައިގަތެވެ. ޒިހާން ދެންވެސް ސައިކަލު މަތީގައި އިނދެ އަތުގައި އޮތް ކާޑަށް ބަލައިލިއެވެ. ޕާޓީ އޮތީ އޭނާއާއި ޔަޒްދާން ނުހަނު ގިނައިން ދާ ރެސްޓޯރެންޓެއްގައި ކަން އެނގުމުން ޒިހާންގެ މޫނުމައްޗަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ. ޔަޒްދާންގެ އެކްސިޑެންޓް ހިނގި ރޭ ވެސް ދެމީހުން ތިބީ ޑިއުޓީ ނިންމާފައި އެތަނަށް ދާން ނިންމައިގެނެވެ. އެރޭ އެގޮތަށް ނުވުމުން އެ ހިތާމައިގައި ޒިހާން އެކަނިވެސް އެ ރެސްޓޯރެންޓަށް ގޮސް ނުއުޅެއެވެ.

އަމިއްލަ ހިޔާލުތަކުގައި އިނދެފައި ޒިހާން އެ ކުޑަ ކާޑު ޖީބަށް ލަމުން ސައިކަލު ދުއްވާލީ، އެ ކުޑަކުޑަ ދައުވަތުން އޭނާއަށް ކުރިމަތިވާން އުޅޭ ޒަލްޒަލާއާ މެދު ރޭކާވެސް ނުލާ ހާލުގައެވެ.

(ނުނިމޭ)