ޚަބަރު

ނަދީމްގެ މަރުގެ މައްސަލައިގެ ހެކި ހުށަހެޅުން މާދަމާ

އިބްރާހިމް ޒަކީ

ޓާމިނަލް ކެފޭ ތެރޭގައި އިންދައި 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ބޮލަށް ވަޅިއެއް ހަރައި މަރާލި ހއ. ތަކަންދޫ އިބްރާހިމީހިޔާ ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ހެކި ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރު 1:30 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ހަތަރު މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން އެ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވައިލެއްވީ ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ހުށަހެޅުން ކަމަށް ވިދާޅުވެއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ. އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއެކު ނިކުމެގެން ގޮސްފައިވަނީ އަލީ ނިފާޒްއެވެ.

ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. ޓާމިނަލް ކެފޭއަށް ވަތް މަފާޒާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލްގައި ގިނިކަންޏާއެވެ. މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވަނައިލް ކޯޓުގައެވެ.