ޚަބަރު

ސަލްޓަން ޕާކު އަލުން ހުޅުވައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19އާ ގުޅިގެން ބަންދުކޮށްފައިވާ ސަލްޓަން ޕާކު އަލުން ހުޅުވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މިއަދުން ފެށިގެން ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ވަކި ގަޑިތަކެއްގައެވެ. އެއީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.

ނިއު ނޯމަލްގައި ސަލްޓަން ޕާކު އަލުން ހުޅުވި އިރު، ޕާކު ތެރޭ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށާއި، މާސްކު އަޅައިގެން އުޅުމަށް މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިލްތިމާސްކުރައްވައިފައެވެ.

ޝިފާ ވިދާޅުވީ ނިއު ނޯމަލްގައި ސަލްޓަމް ޕާކު ހުޅުވާފައިވާ އިރު، ދޮށީ އުމުރުގެ ބޭފުޅުންނާއި ކަސްރަތު ކުރަން އަންނަ ފަރާތްތަކަށް އިސްކަން ދެވިގެން ދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ފަތިހު ސަލްޓަން ޕާކު ހުޅުވުމަށްފަހު އާންމު ކުރި ފޮޓޯތަކުގައި، ޕާކަށް ވަންނަ މީހުންގެ ޓެމްޕަރޭޗަރު ބަލާ ތަން ފެނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޮޑު ހަރަދެއް ކޮށްގެން ސަލްޓަން ޕާކު ތަރައްގީކޮށް، "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށްފައެވެ.

ސަލްޓަން ޕާކު ބަންދުކޮށްފައިވަނީ ކޮވިޑް 19ގެ ހާލަތާ ގުޅިގެން މާލެ ލޮކްޑައުންއަށް ދިޔައިރުއެވެ. މިއަދު ސަލްޓަން ޕާކު އަލުން ހުޅުވި އިރު، މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީކޮށްފައިވާ ލޮނުޒިޔާރަތް ޕާކު ވެސް ވަނީ މިދިޔަ ހަފުތާގައި ހުޅުވައިފައެވެ.

ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ދިން ލުއިތަކުގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.