ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު ކުށްކުރާ ކުޑަކުދިންނަށް ދައުވާ އުފުލުމުގެ ބަދަލުގައި އެހެން ފިޔަވަޅުތަކަށް އިސްކަންދެވޭނެ ކަމަށް ބަންޑާރަ ނައިބު (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ގާނޫނެކެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށަންޖެހޭނެ ކަމަށް ބުނެފައިވަނީ، އެ ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެގޮތުން އެ ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
އެކަމާ ގުޅިގެން އޭޖީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ގާނޫނުގައި ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބުނެފައިވާނެ ކަމަށެވެ. އަދި ގާނޫނުން ތައާރަފްކުރާ ޑައިވާޝަން ނިޒާމަކީ ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށްދީ ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށް މަގު ފަހިކޮށްދޭނެ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވި އެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުޑަކުދިން ކުށްކުރާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ ކުޑަކުދިންނާ ރަހުމަތްތެރި މާހައުލެއްގައި އަދި ކުށްކުރާ ކުއްޖާއަށް ލިބިދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހާ ހައްގުތަކާއި ރައްކާތެރިކަން ލިބިދީގެން ކަމަށް ވެސް އޭޖީ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ކުށްކުރާ ކުޑަކުދިންނާމެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އެޅުމުގައި އެ ކުދިންގެ މަސްލަހަތު ރައްކާތެރި ކުރުމަށް އިސްކަން ދިނުމާއި ދައުވާ އުފުލުމުގެ ބަދަލުގައި ކުއްޖާ ކުރި ކަމަށް ބުނާ ކުށުގެ ނުރައްކާތެރިކަމާއި ކުއްޖާއަށް ލިބިދޭންޖެހޭ ތައުލީމީ، އިޖުތިމާއީ އަދި އެހެނިހެން ވަސީލަތްތަކަށް ރިއާޔަތް ކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް އޭޖީ ވިދާޅުވި އެވެ.