ކުޑަކުދިންނަށް އޮތް އެންމެ ބޮޑު ޒިންމާއަކީ ކުށްކުރުމުން ދުރުލިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި އެކަމަނާ ވިދާޅުވީ، މިއަހަރުގެ ކުޑަކުދިންގެ ދުވަސް ބައްދަލު ކުރީ ކުޑަކުދިންނާ ގުޅޭ މުހިންމު ދެ ގާނޫނު ކަމަށްވާ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނަށް އަމަލުކުރަން ފެށި ދުވަހު ކަމަށެވެ.
އަދި އެ ދެ ގާނޫނުގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކުޑަކުދިންނަށް ބޮޑެތި ހައްގުތަކެއް ލިބިގެންދާކަން ފާހަގަކުރައްވައި މެޑަމް ފަޒްނާ ވަނީ، އެ ހައްގުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ ކުދިންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
"ތިކުދިން އަބަދުވެސް ހަނދާން ބަހައްޓަންވީ ކަމަކީ ޒިންމާއާ ނުލައި ބަސް ބުނުމުގެ ހައްގެއް ވެސް އަދި އެހެން އެއްވެސް ހައްގެއްގެ ބޭނުމެއް ވެސް ނުހިފޭނެކަން" މެޑަމް ފަޒްނާ ވިދާޅުވި އެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، ކުޑަކުދިން ކުރާ ކުށްތަކުގެ ޒިންމާ އެކުދިން ނަގަން ޖެހޭނެ ކަމަށާއި ކުޑަކުދިންނަށް އޮތް އެންމެ ބޮޑު ޒިންމާއަކީ ކުށްކުރުމާއި ކުށްކުރާ މީހުންނާ ވެސް ދުރުހެލިވުން ކަމަށެވެ. އަދި ކުޑަކުދިންނަކީ މުޖުތަމައުގައި ހިނގާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެވިދާނެ ބައެއް ކަމަށާއި ކުޑަކުދިންނަކީ މުޖުތަމައުގެ "ޗޭންޖިން އެޖެންޓުން" ކަމަށް ވިދާޅުވި އެވެ.
"މިއުޅެނީ ކުއްޖާ ގޯސް ވެގެންނެއް ނޫން. ކުއްޖާއަށް ގޯސްކަމެއް ކުރެވިގެން. އެހެންކަމުން ކުށެއް ކޮށްފިނަމަ އެކުށުގެ ޒިންމާ ތިކުދިން ނަގަން ޖެހޭނެ. އެއީ މާފަށް އެދުމާއި ޖަވާބުދާރީވުމާއި ރިލެބިލިޓޭޝަން ފަރުވާގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން،" މެޑަމް ފަޒްނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު