ދުނިޔެ

އޮސްޓްރޭލިއާގެ ޕިއްޒާ ވިއްކާ މީހަކު ދޮގު މައުލޫމާތުދިނުމުން 1.7 މިލިއަން މީހުން ލޮކްޑައުންއަށް

މުހައްމަދު އައުޒަމް

އޮސްޓްރޭލިއާގެ ޕިއްޒާ ވިއްކާ މީހަކު ދޮގު މައުލޫމާތުދިނުމުން 1.7 މިލިއަން މީހުން ލޮކްޑައުން ކުރަން ޖެހިއްޖެއެވެ.

ދެކުނު އޮސްޓްރޭލިއާގެ އަޑެލައިޑް ސިޓީގައި ހުންނަ "ވުޑްވިލޭ ޕިއްޒާ ބާ"ގައި މަސައްކަތް ކުރާ މުވައްޒަފަކު ދިން ދޮގު މައުލޫމާތުތަކާއެކު އެ ސިޓީގެ ސިއްހީ ވުޒާރާއިން ވަނީ އިތުރަށް ބަލި ފެތުރުން ހުއްޓުވުމަށް ލޮކްޑައުން ކުރަން ނިންމައިފައެވެ.

ޕިއްޒާ ބާ އިން ކޮވިޑް ކޭސްއެއް ފެނި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި އެތަނުގައި މަސައްކަތްކުރާ ފަރާތްތަކާ ސުވާލުކުރުމުން އެމީހާ ވަނީ އޭނާ އެތަނަށް ގޮސްފައިވަނީ ޕިއްޒާއެއް ގަތުމަށް ކަމަށް ބުނެފައެވެ. އަދި އެއާއެކު އެ ސިޓީގެ އާންމުންގެ ރައްކަލަށް ލޮކްޑައުން ކުރުމަށް ނިންމިއެވެ.

އެކަމާ ގުޅޭގޮތުން އެ ސިޓީގެ ފުލުހުންގެ ކޮމިޝަނަރު ވިދާޅުވީ ޕިއްޒާ ބާގައި ކުރިޔަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ފަހުން އެނގިފައިވަނީ އެމީހާއަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި ބަލި ފެތުރުމުގެ ފުރުސަތު އާންމުންނަށް ކުޑަކަމަށް ބެލުމާއެކު ލޮކްޑައުން އުވައިލަން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީ ލޮކްޑައުން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. ޕިއްޒާ ބާއާ ގުޅުން ހުރި 36 ކޭސް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮމިޝަނަރު ވަނީ އެމީހާ ދޮގު މައުލޫމާތުދިނުމުގެ ސަބަބުން އެ ސިޓީގެ އެތައް ބަޔަކަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް އެގައުމުގެ ގާނޫނުތަކުން ދޮގު މައުލޫމާތުދިނުމަކީ ކުށެއް ކަމުގައި ލިޔެފައި ނެތުމުގެ ސަބަބުން އެމީހާއާ މެދު ފިޔަވަޅެއް އެޅެން ނެތް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވެފައިވެއެވެ.