މާމަގެ ގަހަނާތަކަށްވުރެ އެކުވެރިކަމުގެ އަގުބޮޑު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް ވިދާޅުވެއްޖެ އެވެ.
އަންނަ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ ބަޖެޓުގެ 53 އިންސައްތަ ހޭދަވާނީ ދަރަނި އަދާ ކުރުމަށް ކަމަށެވެ. އަދި އޭގެ ތެރެއިން 80 ޕަސެންޓް ދަރަންޏަކީ ޗައިނާއަށް އަނބުރާ ދައްކަންޖެހޭ ދަރަނި ކަމަށާއި މާމަގެ ގަހަނާތައް ވިއްކާލައިގެން ވެސް އެ ދަރަނި އަދާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާމަގެ ފަރާތުން ވާރުތަވަމުން އަންނަ ގަހަނާތަކަކީ އަގުބޮޑު އަދި އަގުހުރި ތަކެތި ކަމަށެވެ. ނަމަވެސް އެ ގަހަނާތަކަށްވުރެ ޗައިނާއަށް މުހިންމީ އެކުވެރިކަން ކަމަށާއި އަދި އެއީ އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު މީގެ ކުރިން ވަނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވި ގަޑީގައި އެއްވެސް ލުޔެއް ނުދީ ރާއްޖެ އަތުން ފައިސާ ނަގަން ޗައިނާ ސަރުކާރުން އުޅެގެން ނުވާނެ ކަމަށާއި އަދި އެއީ އިންސާފެއް ނޫން ކަމަށް ބުނެ ޗައިނާއަށް ފާޑުވިދާޅުވެފަ އެވެ.
ނަމަވެސް ރައީސް އޮފީހުން ވަނީ، ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ ސަރުކާރުން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން ޗައިނާ ސަފީރު ވެސް ވަނީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ޗައިނާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.4 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު