ޚަބަރު

މިވަގުތު 33،700 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޝަންގައި

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ފަހުން މިހާތަނަށް 33،700 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިމަނައިގެން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިވަގުތު 349 ޓޫރިސްޓް ފެސިލީޓއެއް އޮޕަރޭޝަންގައި އެބަ އޮތެވެ. އެއީ 125 ރިސޯޓަކާއި 189 ހޮޓަލް އަދި ގެސްޓްހައުސްގެ އިތުރުން 122 ސަފާރީ އެކެވެ. މިއީ ޖުމްލަ 33،776 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރުގެ ނިޔަލަށް އިތުރު ފަސް ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެ ކަމަށެވެ. އެއާއެކު ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 914 އެނދެއް އޮޕަރޭޝަނަށް އަންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 18،723 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަދި މިއާއެކު ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 59،105 އަށް އަރައިފަ އެވެ.

ނަމަވެސް ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގައެވެ. މިދިޔަ މަހު ރާއްޖެއަށް 21،515 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ އެވްރެޖުކޮށް ދުވާލަކަށް 694 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް 12،961 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން އައީ 5،449 ފަތުރުވެރިިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 4،745 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 16 އެއާލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި އިިތިހާދު އެއާވޭސް ފަދަ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ނުވަ އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.