ހއ. ހޯރަފުށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްކެވި ވާހަކައިން އެނގުނީ އަރަންޏާއި ދަރަންޏާއި ރިޒާވަކީ ކޮބައިކަން އެމަނިކުފާނަށް އޮޅުންނުފިލާކަން ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަންޏަކީ 26 ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނު ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސްގެ އެވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސްގެ ވާހަކައިން އެނގިގެން ދިޔަ ކަމަކީ ރައީސަށް ވާނުވާ އެނގިވަޑައިނުގަންނަވާކަން ކަމަށާއި އަރަންޏާއި ރިޒާވަކީ ކޮބައިކަންވެސް އެމަނިކުފާނަށް އޮޅުންނުފިލާކަން ކަމަށެވެ.
"ރައީސް ސޯލިހުގެ މިއަދުގެ ވާހަކައިން ކަށަވަރުވި ކަމަކީ އޭނާއަށް ވާނުވާ ނޭނގޭކަން. އަރަންޏާއި ދަރަންޏާއި ރިޒާވަކީ ކޯއްޗެއްކަން އޮޅުން ނުފިލާކަން. ގޮތް ހުސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ތުރުތުރު އަޅާކަން. ރައްޔިތުންގެ ކުރިމަތީގައި ކިތަންމެ ބޮޑު ދޮގެއް ހަދަންވެސް ޖެހިލުން ނުވާކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދައުލަތުގެ ދަރަނި ބޮޑު ކަމަށާއި ދަރަނި ބޮޑުވި ސަބަބު ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށެވެ. ދައުލަތުގެ ދަރަނި ބޮޑުވެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ނެގި ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ އޭރު 26 ބިލިއަން ރުފިޔާގައި. އެހެންނަމަވެސް އެމަނިކުފާނު ފައިބާ ވަޑައިގެންނެވިއިރުގައި 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރައިފި ފަސް އަހަރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 15 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި ދައުލަތުން ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ރިޒާވްގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި އެ އަދަދު ހުރެގެން އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ދަތި ހާލަތުގައިވެސް ދައުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދައްކަން ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ އަތުން ބޮޑެތި އަދަދުތަކުން ލޯނުތައް ވަނީ ނަގައިފައެވެ. މި ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރުން ސިފަކުރައްވާ ގޮތުގައި ޗައިނާއިން ނެގި ލޯނުތަކަކީ ދަރަނީގެ ދަންތުރައެކެވެ. މި ސަރުކާރުން އިންޑިއާގެ އަތުން ލޯނު ނަގާތީ އެކަމާ އިދިކޮޅުގެ ފާޑުކިޔުން އަމާޒުވުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޗައިނާއިން ނެގި ލޯނާއި އިންޑިއާއިން ނެގި ލޯނާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން އިންޑިއާއިން ނަގާފައިވާ ލޯނުތަކަކީ، ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ނަގާފައިވާ އަދި ކޮންސެސަނަލް ލޯނުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު