އެންމެ ލަސްވެގެން ވެސް ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑުގެ ވެކްސިނެއް ލިބޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ ކޮވިޑުގެ ދަތި އުނދަގީ ދުވަސްވަރު ކަމަށާއި ދެމުންގެންދާ ލުއިތަކާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ވަޑައިގެންނެވުމަށް އެދޭ ކަމަށެވެ.

"އުންމީދު ރަނގަޅު. އެންމެ ގިނަވެގެން ހަތަރު، ފަސް މަސް ދުވަހުގެ ތެރޭގައި ކޮވިޑްގެ ވެކްސިނެއް ރާއްޖެއާ ހިސާބަށްވެސް ލިބުމުގެ އުންމީދު އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ކޮވިޑުގެ ވެކްސިން ލިބުމާއެކު މި އުންމީދުކުރާ ބަދަލުތައް ރާއްޖެއަށް އައިސް، ރާއްޖޭގެ އިގުތިސޯދު ކުރިިއަރައިގެންދާނެ ކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ކޮވިޑް ވެކްސިނެއްގެ ކަންތައް ކޮންމެވެސް ގޮތަކަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.

ނަސީމް ވިދާޅުވީ ރާއްޖެއަށް ވެކްސިން ހޯދުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ޖެނުއަރީ ނިމޭ ހިސާބު ނޫނީ ފެބްރުއަރީގައި ވެކްސިނެއްގެ ކަންތައް ވެސް ކޮންމެވެސް ގޮތަކަށް ހައްލުވާނެހެން. މިހާރު އަޅުގަނޑުމެން ޑަބްލިޔުއެޗްއާ ވެސް ވާހަކަދައްކަމުން މިގެންދަނީ. މިހާރު އަޅުގަނޑުމެން ވެކްސިން ސްޓޯރޭޖް ހަމަޖައްސަން އެބަޖެހޭ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ލިބެނީ ބައިބަޔަށް ކަމަށާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށްފަހު އެކަހަލަ ގޮތަކަށް އާންމުވާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ވެކްސިނެއް ހޯދުމުގެ މަސައްކަތް ހަމަޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.