އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައިވާ ކަމަށާއި ބަޖެޓް ފާސްވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ހޯރަފުށި އެއާޕޯޓް ހުޅުވައިދެއްވައި ރައީސް ވިދާޅުވީ ބަޖެޓާ ގުޅޭގޮތުން ރައީސް ނަޝީދާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރެވިފައިވާ ކަމަށާއި މި ބަޖެޓަކީ ފާސްކުރަން ޖެހޭ ބަޖެޓެއް ކަމަށެވެ.
"މިއަދުގެ ވަގުތެއްގައި އަޅުގަނޑު މަޖިލިސް ރައީސް ނަޝީދާވެސް މަޝްވަރާ ކުރައްވައިފިން. މި ބަޖެޓް ޖެހޭ އެބަ ފާސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަޖެޓުގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގުމަށް ހިމަނާފައިވާ ކަމަށާއި ހއ. އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގޭނީ މިހާރު ހުށަހަޅާފައިވާ ބަޖެޓް ފާސްކޮށްގެން ކަމަށެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިހާރު ހުށަހަޅާފައިވާ ކަމަށާއި އެ ބަޖެޓަކީ މިހާރުގެ ހާލަތަށް ބަލާއިރު ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ ބަޖެޓުގައި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި ކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލީހުގައި ބަޖެޓް ކުޑަކުރުމަށް ބައެއް މެންބަރުން ވިދާޅުވި ކަމަށާއި ނަމަވެސް މިއީ މަޝްރޫއުތައް ހުއްޓާލަންވީ ވަގުތު ނޫން ކަމަށެވެ.
"ސަރުކާރުން ކުރަންޖެހޭނެ ކަމަކީ މި ދަނޑިވަޅުގައި އިގުތިސޯދު ހިންގުން. މިއީ ލިބިފައި ހުރި ފައިސާ ކަމަށް ވާތީ މި ޕްރޮޖެކްޓުތައް މެދުނުކެނޑި އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު