ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަންޏަކީ 26 ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނު ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑު ކަމަށާއި ދަރަނި ބޮޑުވި ސަބަބު ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށެވެ. ދައުލަތުގެ ދަރަނި ބޮޑުވެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ނެގި ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރުގައި ރާއްޖޭގެ ދަރަނި އޮތީ އެއިރު 26 ބިލިއަން ރުފިޔާގައި. އެހެންނަމަވެސް އެމަނިކުފާނު ފައިބާ ވަޑައިގެންނެވިއިރުގައި 60 ބިލިއަން ރުފިޔާއަށް ދައުލަތުގެ ދަރަނި އަރައިފި ފަސް އަހަރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 15 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި ދައުލަތުން ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދައްކަން ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފައިސާ ހޯދަންޖެހޭ ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ރިޒާވްގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި އެ އަދަދު ހުރެގެން އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ދަތި ހާލަތުގައިވެސް ދައުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު