އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 15

އަބްދުﷲ ފާރޫގް ހަސަން

(16 ނޮވެމްބަރުގެ އަދަދާ ގުޅޭ)

حسن އަށް ވާހަކަ ވިދާޅުވެދެއްވަން سعد އަންގަވައިފައި سـكيـنـة ވަޑައިގަތީ އޭނާގެ އަމިއްލަފުޅު ކޮޓަރިކޮޅަށެވެ. سـكيـنـة އެތައް އިރެއްވަންދެން އެއްވެސް ޙަރަކާތެއްނެތި ގޮނޑިއެއްގައި އިންނެވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ޖެހިގެންހުރި ކޮޓަރިކޮޅުގައިހުރި ފޮތް އަލަމާރިއަކުން ފޮތެއް ހިއްޕަވައިގެން ވަޑައިގެންފިއެވެ. سـكيـنـة އޭނާގެ ގޮނޑި ޝަމްޢުދާނާ ކައިރިކޮށްލައްވައިގެން އެފޮތް ވިދާޅުވާން ފަށްޓަވައިފިއެވެ. އެފޮތަކީ عبــدالّــرحـمـن الــدّاخــل ގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިއޮތް ފޮތެކެވެ. سـكيـنـة އެފޮތުން ތަންކޮޅެއް ވިދާޅުވުމަށްފަހު ފޮތް ލައްޕަވައިލައްވައިފައި މޭޒެއްގެ މަތީގައި ބާއްވަވައިފިއެވެ. އޭނާ ތެދުވެވަޑައިގެން އެނދުގައި އޮށޯވެ ވަޑައިގެންފިއެވެ.

سعد މަޑުމަޑުން އެކޮޓަރިއަށް ވެދެވަޑައިގެންފިއެވެ. އޭނާ ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "މަންމާ! މަންމާ!"

"ކީއްވީ ދަރިފުޅާ؟" سـكيـنـة ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ދަރިފުޅު އަދިވެސް ނުނިދަމުތަ؟"

سعد ވިދާޅުވިއެވެ. "މަންމާ! އަޅުގަނޑަށް އެނގޭ ބައްޕަ ހައްޔަރުކޮށްފި!"

سـكيـنـة سعد ގެ މުލައްދަނޑިފުޅުގައި ހިއްޕަވައިފައި އޭނާގެ އަރިހުގައި ބައިންދަވަމުން ވިދާޅުވިއެވެ.

"ދަރިފުޅުގާތު އެވާހަކަ ބުނީ ކާކު!"

"މަންމާ! އަޅުގަނޑު މަޣުރިބުނަމާދަށް މިސްކިތަށް ދިޔައިރު މިސްކިތުގައި ތިބި މީހުން ބައްޕަގެ ވާހަކަ ދައްކަނީ."

"ދަރިފުޅުގެ ކޮއްކޮމެން ގާތުވެސް އެވާހަކަ ބުނީތަ؟"

"މަންމާ! މިސްކިތަށް ދިޔައީ އަޅުގަނޑާ أحمد އާ ދެބެން. ނަމަވެސް އަޅުގަނޑުމެން حسن އަކަށް އެކަމެއް ނާންގަން. މަންމާ. މާތް اللّـه ގެ އިރާދަފުޅާއެކު އަޅުގަނޑު ބޮޑުވި ދުވަހަކުން ބައްޕަ ޖަލުން ސަލާމަތްކުރާނަން!"

سـكيـنـة އޭނާގެ މޭފުޅުގައި سعد ޖައްސަވައިލައްވަމުން ވިދާޅުވިއެވެ. "سعد! ދަރިފުޅުގެ ބައްޕަ އަންގަވައިފައި އޮތީ އަހަރެމެން ޣަރުނާޠާއަށް ދާން!"

سعد ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "އެކަމަކު ބައްޕަ ޖަލުގައި ހުންނަވަނިކޮށް އަޅުގަނޑުމެންނަށް މިރަށް ދޫކޮށްލައިފައި ދެވޭނީ ކިހިނަކުންތޯ؟"

"سـكيـنـة ވިދާޅުވިއެވެ. "ދަރިފުޅާ! ޖަލު ހަލާކުކޮށްލާން ބާރު ބޭނުންވޭ. ދަރިފުޅުގެ ބައްޕަ އެދިވަޑައިގަންނަވަނީ ދަރިފުޅު ޣަރުނާޠާއިން ރަނގަޅު މުޖާހިދަކަށްވެގެން ނުކުތުން. ޣަރުނާޠާއިން ދަރިފުޅުގެ ޅިޔަންބޭބެއާއި އޭނާގެ އެކުވެރީން މުޖާހިދަކަށް ބޭނުންވާނެ ތަޢުލީމާއި ތަރުބިޔަތު ދަރިފުޅަށް ހޯދައިދެއްވާނެ."

سعد ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް އެވަގުތު ޚާދިމާއެއް ދޮރުކޮޅުގައި ޓަކިދީފިއެވެ. އޭނާ ކޮޓަރިކޮޅަށް ވަދެފައި ދެންނެވިއެވެ. "المـــاس ދުރުވެއްޖެ. އޭނާއަށް މިވަގުތު ވަކިކަމެއް އެބައޮތްތޯ އޭނާ ސުވާލުކުރައްވާ."

سـكيـنـة ވިދާޅުވިއެވެ. "އޭނާއާ ވާހަކަ ދައްކާނީ ޚުދު އަހަރެން. އޭނާ މިކޮޅަށް ފޮނުވާ!"

އިރުކޮޅެއްގެފަހުން المـــاس ގެ ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. سـكيـنـة ތެދުވެވަޑައިގެން ދޮރުފޮތިގަނޑުގެ ނިވަލުގައި ހުއްޓިވަޑައިގެންފިއެވެ. سعد ބޭރަށް ނުކުމެވަޑައިގެން ސުވާލު ކުރެއްވިއެވެ. "المـــاس ބޭބޭ! إدريـس ގެ ބައްޕަގެ ހާލުކޮޅު ކިހިނަކުންތަ؟"

المـــاس ޖަވާބު ދިނެވެ. "އަޅުގަނޑު އޭނާ ގެއަށް ގެންގޮސްފިން. އޭނާގެ ހާލުކޮޅު ރަނގަޅެއް ނޫން."

سـكيـنـة ވިދާޅުވިއެވެ. "المـــاس އޭނާއަށް ބޭސްކޮޅު ހަދާނެ ރަނގަޅު ބޭސްވެރިއަކު މިތަނުން ނުގެންދިޔައީ ކީއްވެ؟"

المـــاس ޖަވާބު ދިނެވެ. "ޤުރުޠުބާގައި أبـو الـفتـح އަށްވުރެ މޮޅު ބޭސްވެރިއެއް ނެތެއްނޫންތޯ؟ އެކަމަކު عبـدالجـبّـار އާމެދު أبـو الـفتـح ގެވެސް މާބޮޑު އުންމީދެއް ނެތް. އަޅުގަނޑުގެ ސާހިބާ އަޅުގަނޑާމެދު ކުރައްވައިފައިވާ ޙުކުމަކީ ކޮބައިތޯ އަޅުގަނޑު ސާފުކޮށްލަން ބޭނުން. އަޅުގަނޑަށް އައްޒަހުރާއިން ވަނީ އޭނާގެ ޚަބަރު ލިބިފައި. އަޅުގަނޑު ގެއަށް އައުން ލަސްވީ ރަށުތެރެއަށްގޮސް ސާހިބާގެ ބައެއް އެކުވެރީންނާ މަޝްވަރާކުރާން ހަދައިގެން. އެކަމަކު ސާހިބާގެ އެކުވެރީންކުރެ އެބޭފުޅެއްގެ ފަރާތްޕުޅުން ރަނގަޅު މަޝްވަރާއެއް ލިބޭނެކަމުގެ އުންމީދުކުރެވޭ ބޭފުޅަކުވިއްޔާ މިހާރު ވަނީ ހައްޔަރުކޮށްފައި ނުވަތަ ޤުރުޠުބާ ދޫކޮށްލައްވައި ފިލައިވަޑައިގެންފައި."

سـكيـنـة ވިދާޅުވިއެވެ. "މިވަގުތު المـــاس ތިކަމާ އެތަންމިތަނަށް ހިނގުން ރަނގަޅެއް ނޫން. އޭނާ المـــاس އާ ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު މާދަމާ ބުނާނަން. މިހާރު ދެން ގޮސް އަރާމުކުރޭ! ފަތިހާ ގޮސް عبـدالجـبّـار ގެ ހާލުކޮޅު އޮޅުންފިލުވާ. سعد ގެ ބައްޕަ المـــاس އާމެދު ބައްލަވަނީ އޭނާގެ އަޚެއް ކަމުގައި. އަހަރެންވެސް المـــاس ދެކެނީ ނޯކަރެއްގެ ނަޒަރަކުން ނޫން. އަހަރެންގެ ބޭބެއެއްގެ ގޮތުގައި. އިޝްބީލިއްޔާގެ މީހުންނަށް المـــاس عبـدالمنعـم ގެ އަޚެއްގެ ހައިސިއްޔަތުންނާއި، ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން عبـدالمنعـم ސަލާމަތްކުރެވޭތޯ މަސައްކަތްކުރާކަން އެނގިއްޖެނަމަ المـــاس ވެސް ހައްޔަރުކޮށްފާނެ."

"ބައްލަވާ. ތިޔަ ވިދާޅުވަނީ ކީކޭތޯ؟ އޭނާއަށްޓަކައި އަޅުގަނޑުގެ އަނގުންތައް ބުރިބުރި ކުރިޔަސް އަޅުގަނޑު ޗުއްޕުވެސް ނުކިޔާނަން!"

"المـــاس! އަހަރެން ކަލޭ ރަނގަޅަށް ދަންނަން. ތިޔަ ބުނަނީ ތެދުވާހަކައެއް. އެކަމަކު އޭނާއަށްޓަކައި މިވަގުތު މުހިންމީ المـــاس ޖަލުން ބޭރުގައި ހުރުން. ދެން ގޮސް އަރާމުކުރޭ!"

سعد ކޮޓަރިކޮޅަށް ވެދެވަޑައިގެން އޭނާގެ މަންމަ އަރިހު ވިދާޅުވިއެވެ. "މަންމާ! އަޅުގަނޑުވެސް މާދަމާ ހެނދުނު المـــاس ބޭބެއާއެކު ދާނަން."

"އެންމެ ރަނގަޅު. ދަރިފުޅު المـــاس އާއެކު ގޮސްލާ!"

المـــاس ހިނގައްޖެއެވެ. އިރުކޮޅެއްގެފަހުން سعد ވެސް އޭނާގެ ކޮޓަރިކޮޅަށް ވަޑައިގެން އޮށޯވެވަޑައިގެންފިއެވެ. ނަމަވެސް އޭނާގެ ލޯފުޅަކަށް އަވަހާރަފުޅެއް ނާދެއެވެ. ތަފާތު އެކިއެކި ޚިޔާލުފުޅުތައް އޭނާގެ ސިކުނޑިފުޅުގައި އެނބުރެމުން ދިޔައެވެ. ބައެއްފަހަރަށް އޭނާ ޖަލަށް ޙަމަލާ ދެއްވައެވެ. އަނެއްބައިފަހަރު އޭނާ އިޝްބީލިއްޔާގެ ލަޝްކަރާ ހަނގުރާމަ ކުރައްވައެވެ. ބައެއްފަހަރަށް إدريـس އާއި އޭނާގެ ކޮއްކޮ ميـمــونـة އަށް ހިތްވަރު ދެއްވައެވެ. "ކަންބޮޑުވެވަޑައި ނުގަންނަވާ. ކަލާގެ ބައްޕާފުޅަށް ފަސޭހަފުޅު ވެދާނެ." سعد ގެ އަރިހަށް އަވަހާރަފުޅު އައީ މެންދަމުން އަލިވިފަހުންނެވެ. ފަތިހު އޭނާއަށް ހޭފުޅުލެއްވުނީ އޭނާގެ މަންމަ އޭނާގެ އެނދު ކައިރީގައި ހުންނަވައި އޭނާއަށް ވިދާޅުވަނިކޮށެވެ. "سعد! سعد! ތެދުވޭ ދަރިފުޅާ! ނަމާދުވަގުތު ފާއިތުވަނީ!"

سعد ލޯފުޅު ހުޅުއްވައިލެއްވުމާއެކު ސުވާލު ކުރެއްވިއެވެ. "މަންމާ! المـــاس ބޭބެ ދިޔައީތޯ؟"

"އާނ ދަރިފުޅާ! އޭނާ ދަރިފުޅު ބަލައި އައި. އެކަމަކު އޭރު ދަރިފުޅު އޮތީ ނިދައިފައި. ދަރިފުޅުވެސް ދެން އަވަހަށް ތެދުވެ ނަމާދުކުރޭ! المـــاس މާލަހެއްނުވެ އަތުވެދާނެ."

سعد ފަތިސްނަމާދަށްފަހު ނާސްތާ ކުރައްވައިގެން އިރުކޮޅަކު المـــاس އަށް އިންތިޒާރު ކުރެއްވިއެވެ. އޭނާ އައުން ލަސްވުމުން މަންމަ އަރިހުން ހުއްދަ ހޯއްދަވައިގެން އަހުގައި ލަގަން އަޅުއްވައިފިއެވެ. سعد މިސްރާބު ޖެއްސެވީ އައްޒަހުރާއާ ދިމާއަށެވެ.

سعد إدريـس ގެ ގެއަށް ވަޑައިގެންނެވިއިރު عبـدالجـبّـار އަވަހާރަވެއްޖެއެވެ. އޭނާގެ ސަންދޯއްޕުޅުވެސް ގަބުރުސްތާނަށް ގެންގޮސްފިއެވެ. سعد އިރުކޮޅެއްވަންދެން إدريـس ގެ ގޭގެ ދޮރުމަތީގައި މަޑުމަޑުން ހުންނެވިއެވެ. އެއަށްފަހު އޭނާވެސް ވަޑައިގަތީ ގަބުރުސްތާނަށެވެ.

سعد ވަޑައިގެންނެވިއިރު عبـدالجـبّـار ފަސްދާނުލައިފައި މީހުންތައް ގަބުރުސްތާނުން ބޭރަށް ނުކުންނަނީއެވެ. ގަބުރުސްތާނުގެ ބޭރުގައިހުރި ގަހެއްގައި سعد އަސް ބަނދެލައްވައިފިއެވެ. އޭނާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު ޖަނާޒާގެ ހުރިހައި ކަމެއް ވަނީ ނިމިފައެވެ. ދެތިން މީހަކު މަހާނަފުޅުގެ ކަރިއީގައި ވާހަކަ ދައްކާން ތިއްބެވެ. المـــاس އާއި إدريـس އާވެސް އެތާނގައި ތިއްބެވިއެވެ. سعد ފާތިޙާ ވިދާޅުވުމަށްފަހު މަޑުމަޑުން ވަޑައިގެން إدريـس ގެ އަރިހަށް ހުއްޓިވަޑައިގެންފިއެވެ. އިންތިހާއަށް މަސައްކަތްޕުޅު ކުރައްވައިގެންވެސް سعد އަކަށް އޭނާގެ ރަޙުމަތްތެރިޔާއަށް ތަޢުޒިޔާ ވިދާޅުވާނެ އެކަށީގެންވާ ލަފުޒުތަކެއް ވިސްނިވަޑައެއް ނުގެންނެވިއެވެ. إدريـس ގަބުރުސްތާނުން ބޭރަށް ނުކުމެވަޑައިގަންނަވާން ފެއްޓެވުމުން سعد ވަޑައިގެން އޭނާގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިލައްވައިފައި ވިދާޅުވިއެވެ. "إدريـس!"

إدريـس ފަހަތަށް އެނބުރިވަޑައިގެން سعد އާ ދިމާއަށް ބައްލަވައިލެއްވިއެވެ. سعد އަކަށް އިތުރު އެއްޗެކޭ ވިދާޅެއް ނުވެވުނެވެ. އޭނާގެ ލޯފުޅުގައިވަނީ ކަރުނައެވެ. އެކަރުނަ އޭނާގެ އިޙުސާސް ތަރުޖަމާ ކޮށްދެއެވެ. إدريـس سعد ގެ އަތްޕުޅު އޭނާގެ މުށްފުޅުގެ ތެރެއަށް ލައްވައި ބޮނޑިކޮށްލެއްވިއެވެ.

ވިދިގެންއައި ދުވަހު سـكيـنـة އޭނާގެ ބޭފުޅުން ގޮވައިގެން عبـدالجـبّـار ގެ ގެޔަށް ވަޑައިގެންނެވިއެވެ. سعد إدريـس އަރިހު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިއުޅެނީ މާދަމާ ޣަރުނާޠާއަށް ދާން."

إدريـس ސުވާލު ކުރެއްވިއެވެ. "ކޮންއިރަކުތޯ ތިޔަބޭފުޅުން އެނބުރި ވަޑައިގަންނަވާނީ؟"

سعد ފެންކަޅިފުޅުވުމާއެކު ވިދާޅުވިއެވެ. "އަޅުގަނޑަކަށް ނޭނގެ ދަންނަވާކަށެއް! މަންމަ ވިދާޅުވަނީ އަޅުގަނޑުމެން ދެނެއް ޤުރުޠުބާއެކު ނުތިބޭނަމޭ!"

ميـمــونـة އިންނެވީ سعد އާއި إدريـس އާ ދެބޭފުޅުންގެ ވާހަކަފުޅު އަޑުއައްސަވާށެވެ. އޭނާ ގިސްލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެންވެސް މިރަށަކު ނުތިބޭނަން."

سعد ميـمــونـة ގެ ހިތްޕުޅު ހަމަޖައްސަވައިދެއްވަން އުޅުއްވިއެވެ. ނަމަވެސް އޭނާ ބާރަށް ކީރިތިކުރައްވާން ފައްޓަވައިފިއެވެ.

سـكيـنـة ތެދުވެވަޑައިގެން ވަޑައިގެން ميـمــونـة އޭނާގެ އުނގުފުޅަށް ލައްވައިފިއެވެ. سـكيـنـة ميـمــونـة އާ ލޯބިކޮށްލައްވަމުން ވިދާޅުވިއެވެ. "އަހަރެމެން ވަރަށް އަވަހަށް އެނބުރި އަންނާނަން. އޭރުން ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް އާދެވޭނެ."

سعد ގެ އާއިލާ އެގެއިން ނުކުމެވަޑައިގަތުމުން إدريـس އާއި ميـمــونـة ބޭރަށް ނުކުމެވަޑައިގެން ބައްގީގެ ކައިރީގައި ތިއްބެވިއެވެ. سـكيـنـة ބައްގީއަށް އަރައިވަޑައިގަތުމުގެ ކުރީން އަނެއްކާވެސް ميـمــونـة އާ ލޯބިކޮށްލެއްވިއެވެ. އެއަށްފަހު إدريـس ގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުއްމައިލައްވަމުން ވިދާޅުވިއެވެ. "ދަރިފުޅަކީ ފިރިހެން ކުއްޖެއް. ދަރިފުޅުގެ މަންމައަށާއި ކޮއްކޮއަށް ހިތްވަރުދީ!"

ބައްގީ ފުރިއިރު إدريـس އާއި ميـمــونـة އާ ދެބޭފުޅުން ބޭރުގައި ބައްގީއާ ދިމާއަށް ބަލަހައްޓަވައިގެން ތިއްބެވިއެވެ. އޭގެފަހުން ތިންވަނައަށްވީ ދުވަހު المـــاس عبـدالمـنعــم ގެ ގޭގެ ދޮރުކޮޅުމަތީގައި ހުއްޓެވެ. އޭނާ ހުރީ ޣަރުނާޠާއަށް ފުރައިގެންދާ ބައްގީއަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. سعد ކުޑަދޮރުން އިސްތަށިފުޅު ނެރުއްވައިފައި ވިދާޅުވިއެވެ. "المـــاس ބޭބެ! إدريـس އަރިހަށްދާން ހަނދާންކުރާތި!"

(ނުނިމޭ)