ގެއްލިގެން ހޯދަމުންދަނިކޮށް އަމިއްލައަށް ގެއަށް ދިޔަ އަންހެން މީހާ ރަހީނުކޮށް ބްލެކްމައިލްކޮށްގެން އޭނާ އަތުން ފައިސާ ހޯދި މައްސަލައިގައި ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން އައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.

މި މައްސަލައާއި ގުޅިގެން 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރު ކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން މިމަހު ތިން ވަނަ ދުވަހު މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 31 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ ދެވަނަ ފަހަރަށް އިތުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ޝިރުމީނާގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނާގޮތުގައި ބަޔަކު އޭނާ ރަހީނުކޮށް ގިނަ އަނިޔާތަކެއްދީ، އޭނާ އަތުން 25،000 ރުފިޔާ ވަނީ އަތުލައިފަ އެވެ.