އަލީ އަޝްފާގު

ބްރެކެޓް ޗެލެންޖު: ސެމީގެ ވޯޓު ކުރިއަށް، އަވަހަށް ދަގަނޑޭއަށް ވޯޓު ދެއްވާ!

އޭއެފްސީގެ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށްވާ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލުގައި ވޯޓުލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ސެމީ ފައިނަލުގައި ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރަނީ ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ ގޯލަކާއެވެ. އެއީ ވިއެޓްނާމްގެ ކުޅުންތެރިއެކެވެ. ޕޯލް ފެށިގެން މިހާރު ކުރިއަށްދާ އިރު، ދިވެހި ސަޕޯޓަރުން ދަނީ ފޫހިކަމެއްނެތި، ދަގަނޑޭއަށް ވޯޓު އަޅަމުންނެވެ. ނަތީޖާއިން އެކަން ސާފެވެ. މިހާތަނަށް ލާފައިވާ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، 94.72 ޕަސެންޓް ވޯޓު ދަގަނޑޭއަށް ލިބިފައިވެއެވެ. އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިޔާއަށް އަދި ލިބިފައިވަނީ 5.28 ޕަސެންޓް ވޯޓެވެ.

ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލުގައި ދަގަނޑޭ ވާދަކުރީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާއާ ދެކޮޅަށެވެ. ގުއެން ވެންކުއާއާ ދެކޮޅަށް ދަގަނޑޭ ވާދަކުރި ވޯޓު ފެށިގެން ގިނަ އިރުތަކެއްވީއިރުވެސް ދަގަނޑޭ އޮތީ ބޮޑުތަނުން ފަހަތުގައެވެ. 10 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ބޮޑު ފަރަގެއްގައި ފުރަތަމަ ދުވަހު ހަވީރާ ޖެހެންދެންވެސް ވޯޓުގެ ނަތީޖާ އޮތް އިރު، އެ މަންޒަރު ބަލަން ތިބެން ދިވެހީންނަށް ކެތެއް ނުވިއެވެ.

އެހިސާބުން އަޅަން ފެށި ވޯޓާއެކު ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު ތެރޭގައި ދިވެހީން އެ ނަތީޖާ އަނބުރާލިއެވެ. މިއަދު މެންދުރު 1:00 އާ ހަމައަށް ކައިރިކައިރިން ވޯޓު ދިޔަ އިރު، ރާއްޖޭގެ މީސްމީޑިއާ ޕޭޖުތަކުންނާއި، ހަބަރުތަކުން އަދި އާންމުން ދެއްކި ހިތްވަރު ފާހަގަވެގެން ދިޔައެވެ. ގައުމު އެކުވެގެން ދިޔައީ ދަގަނޑޭއަށެވެ. އެ ވޯޓާއި ލޯތްބަށް ދަގަނޑޭ ވަނީ ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައިވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ވޯޓު ދިނުމުގެ ލިންކް