ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަކުރަނީ "ބޮޑު މިނިސްޓަރަށް" އެހެން މިނިސްޓްރީތަކުގެ ބާރުތައް ދޭން ކަމަށް ވިދާޅުވެ، އެމްޑީޕީ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވި ވާހަކައަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރައްދު ދެއްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ބަހުސްގައި މިއަދު އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ދިހައަކަށްވުރެ ގިނަ ކުންފުނި އުފައްދާފައިވާ ކަމަށާއި އެ ކުންފުނިތަކުން ވީ ފައިދާއެއް ނެތް ކަމަށެވެ.

މިނިސްޓަރު ފައްޔާޒްގެ ނަން ވިދާޅުނުވެ، ފައްޔާޒަށް އަމާޒުކުރައްވައި އާޒިމް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އިތުރުކުރަނީ އެ ކުންފުނިތަކުގެ ބާރު ވެސް "މިނިސްޓްރީ ތެރެއަށް، ބޮޑު މިނިސްޓަރު ހެދިގެން ވައްދައިގެން" އިނުމަށް ކަމަށެވެ. އަދި ސަރުކާރުން އުފެއްދި ކުންފުނިތަކުގައިވެސް މުސާރަ ދީފައި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަަފުން އެބަތިބި ކަމަށް ވެސް ވިދާޅުވިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގެ މައްޗަށް އޭނާއަށް ބަސް ކިޔޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއްގެ މައްޗަށް އަޅުގަނޑުގެ ބަސް ކިޔާނެ. އޭގެ މާނައަކީ އަޅުގަނޑު ބުނާގޮތް އެމީހުން ހަދަނީއެކޭ ނޫން. ސިޔާސަތު ކަނޑައެޅުމުގައި އަޅުގަނޑަށް ބަސް ކިޔޭނެ. އެހެންކަމުން ވަރަށް ރަނގަޅު ވާހަކަފުޅެއް އެއީ. އަދި އެގްރޯ ނެޓަސް، އެހެން އެއްޗެއް ވިޔަސް، ދައުލަތުގެ ކުންފުންޏެއް ވިއްޔާ އަޅުގަނޑު ބަސް ކިޔާނެ. ދެން އެބޭފުޅާއަށް ރަނގަޅަށް ފަހުމްވެ ވަޑައިނުގެންނެވީ ކަންނޭނގެ މިކަންކަން ހިނގާ ގޮތް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، އެގްރޯނެޓަކީ އެގްރިކަލްޗާ މިނިސްޓްރީން ބޭނުންވެގެން އުފެއްދި ކުންފުންޏެއް ކަމަށާއި އެހެންނަމަވެސް ކުންފުނި އުފެއްދުމަށް ފަހު ކުންފުނީގެ ކަންކަން ހިންގަން އެގްރިކަލްޗާ މިނިސްޓްރީން ނޫޅޭނެ ކަމަށެވެ. އަދި އެގްރިކަލްޗާ މިނިސްޓްރީގެ މަސައްކަތަކީ ސިޔާސަތު ކަނޑައެޅުން ކަމަށާއި އިކޮނޮމިކް މިނިސްޓްރީން އަދާކުރި ދައުރަކީ އެކުންފުނީގެ ސްޓްރެޓެޖިކް ޑިޒިޝަންތަކުގެ ދައުރު ކަމަށެވެ. އަދި އެކުންފުނިތަކަށް ފިނޭންސް މިނިސްޓްރީގެ ދައުރު މާބޮޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެތަންތަނުގެ ސްޓްރެޓީޖިކް ޑިޒިޝަންތަކުގައި ވަރަށް ބޮޑު ރޯލެއް ކުޅޭނެ. އެގްރޯނެޓުގެ ބޯޑުގައި ތިއްބަވާނެ އެގްރިކަލްޗާ މިނިސްޓްރީގެ ބޭފުޅުން. އެކަހަލަ ގޮތަކަށް ބައްޓަންކުރެވިގެން، ވަރަށް ގުޅިގެން މަސައްކަތް ކުރަމުން މިދަނީ. އެހެންވީމަ އަޅުގަނޑުގެ ބާރު ފޯރާނެ އެތަންތަނަށް. އެއީ ހަމަ ރަނގަޅު ވާހަކަފުޅެއް އެ ދެއްކެވީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒަށް އަމާޒުކުރައްވައި އާޒިމް މިފަދަ ވާހަކަތަކެއް ދައްކާފައިވާ އިރު، މިނިސްޓަރު ފައްޔާޒާ މެދު އެމްޑީޕީގެ ބައެއް މެންބަރުންގެ މެދުގައި މީގެ ކުރިން ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަޝްވަރާތަކެއްވެސް އެމްޑީޕީގެ އެތެރޭގައި ކުރެވުނެވެ. އަދި އެފަދަ މަސައްކަތްތަކެއްވެސް ކުރެވުނެވެ.

މީގެ އިތުރުން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފައެވެ. އަދި އެމްޑީޕީގެ ތެރޭގައި "ބްރޯ ހެދިގެން" ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކަށް ފައްޔާޒް އިންކާރުކުރައްވައެވެ. ފައްޔާޒް ވިދާޅުވީ، ކޮރަޕްޝަންގެ އަމަލެއް މިނިސްޓަރަކު ހިންގައިފި ނަމަ އެކަން ބެލޭނެ ގޮތްގޮތް ވަރަށް ބޮޑަށް ފަހިވެފައިވާ ކަމަށެވެ.

ފައްޔާޒް މަގާމުން ދުރުކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ހިޔާލު ދެކަފިވެފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ފައްޔާޒް ވަނީ މަގާމުން ވަކިކުރަންދެން އިހުލާސްތެރިކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.