ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅަކު ވެސް ޗައިނާއިން އެހީވާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ވަނީ ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ ސަރުކާރުން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ބުނެފައެވެ.
ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން ކޮވިޑްގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ.
ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯނުތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައި މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާގެ ލޯނުތައް ފަސްކޮށްދީފައިވާތީ އެކަން ފާހަގަކުރައްވައި، ޝާހިދު ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
"ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް، ޗައިނާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނަން،" ލިޖޮންގް ވިދާޅުވިއެވެ.
ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަންގެ ސަބަބުން ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން އެގައުމުތަކުން ނަގާފައިވާ ލޯނަށް އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
މި އިނީޝިއޭޓިވްގެ ދަށުން ލޯނުތައް ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ވެސް ފިނޭންސް މިނިސްޓްރީން ހިމަނައިފައިވާ އިރު، މި އިނީޝިއޭޓިވްއާއެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ވެއެވެ.
ޗައިނާގެ ބައެއް ލޯންތައް ފަސްކޮށްދީފައިވާ އިރު، އިއްޔެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މި ސަރުކާރުން ޗައިނާއަށް ދައްކަން ޖެހިފައިވާ ލޯނުތަކަށް ކޮވިޑާ ގުޅިގެން އެގައުމުން އެއްވެސް ލުޔެއް ދީފައިނުވުމަކީ އިންސާފެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.4 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު