ފައިޒާ ވެކްސިންގެ ޓެސްޓުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކޮވިޑާ ދެކޮޅަަށް ދުނިޔޭގެ އެކި ގައުމުތަކުން ވެކްސިން އުފެއްދުމުގެ މަސައްކަތްކޮށް ގިނަ ވެކްސިންތަކުގެ ޓެސްޓުތައް ކުރިއަށްދާ އިރު، އެމެރިކާގެ ފައިޒާއާއި ޖަރުމަނުގެ ބަޔޯއެންޓެކް އިން އުފެއްދި ވެކްސިން މިވަނީ ހުރިހާ ޓެސްޓުތަކެއް ނިންމާލައިފައެވެ.

ފައިޒާ ވެކްސިންގެ ޓީމުން ބުނެފައިވާ ގޮތުގައި ޓެސްޓުތަކުގެ ނަތީޖާއާއެކު ކުރިއަށް އޮތް ދުވަސްތަކެއްގެ ތެރޭގައި އިމަޖެންސީ ހުއްދައަކަށް އެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ވެކްސިންގެ ޓެސްޓުތަކުގެ ޑޭޓާތައް ހިއްސާކުރާނެ ކަމަށްވެސް ފައިޒާގެ ޓީމުން ބުނެެއެވެ.

ފައިޒާއިން ވަނީ އެ ވެކްސިންގެ އެންމެ ފަހުގެ މަރުހަލާގައި 95 އިންސައްތަ ކާމިޔާބު ނަތީޖާއެއް ނެރެވިފައިވާކަން ހާމަކޮށްފައެވެ. ފައިޒާގެ ޓެސްޓުތަކުގައި 40،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ފައިޒާއިން ނެރެފައިވާ ބަޔާނެއްގައި، އެ ވެކްސިންއަކީ ދުނިޔޭގެ ކުރިހާ ކަންކޮޅުތަކުގެ ހުރިހާ އުމުރުފުރައެއްގެ އެންމެންނަށް ރައްކާތެރި ވެކްސިނެއްކަން ކަށަވަރުކޮށްދީފައެވެ.

ފައިޒާއިން ވަނީ މިއަހަރު ނިމުމުގެ ކުރިން ވެކްސިންގެ 50 މިލިއަން ޑޯޒް އުފައްދައި، އަދި އަންނަ އަހަރު 1.3 ބިލިއަން ޑޯޒް އުފެއްދުމުގެ މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅައިފައެވެ.