އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިނގިރޭސި ހާރިޖީ އޮފީހުގެ މިނިސްޓަރު ފޯ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިގް އަހްމަދު އޮފް ވިމްބެލްޑަންއާ މިއަދު ވާޗުއަލްކޮށް ކުރިއަށް ގެންދެވި ބައްދަލު ކުރެއްވުމުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ދެގައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ދެގައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު