ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ ގުޅިގެން ފޯރަމެއް ބާއްވައިފި

މަރިޔަމް ޝަހުދާ

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ ގުޅިގެން ފޯރަމެއް ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އަދި އައްޝައިހު ނަސްރުﷲ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން އެއް ގަޑިއިރާއި 30 މިނެޓުގެ މި ފޯރަމް ޓީވީއެމް، މިނިސްޓްރީގެ ފޭސްބުކް ޕޭޖު އަދި ޔޫޓިއުބް ޗެނަލް އިން ވަގުތުން ގެނެސްދީފައި ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާފައިވަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ ކުރިން ދިވެހިންގެ ކަންކަން ހުރިގޮތާއި އިސްލާމް ދީނުގެ ހިދާޔަތް ލިބިގެން ދިއުމަށްފަހު ދިވެހިންނަށް އައި ބަދަލުތަކާ ގުޅޭގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފޯރަމްގެ ހުރިހާ ބައިވެރިންވެސް އިސްލާމްދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ހަމައެކަނި ދީން ކަމުގައި ފާހަގަ ކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދިވެހިން ބުދަށް އަޅުކަން ކުރި ދުވަސްވަރު ދިވެހިންގެ ތެރޭ ހުރި ނޭއްގާނީ ކަންތައްތަކާއި އިސްލާމް ކަމަށްފަހު ޖަހާލަތުގެ އަނދިރިކަން ނެތި ދިޔަ ކަމަށާއި، އިސްލާމް ދީނުގެ ހިދާޔަތު ލިބުމުން ދިވެހިން އެކުވެރި އުހުވަތްތެރި ބަޔަކަށް ވެގެން ދިޔަ ކަމަށް ފޯރަމްގެ ބައިވެރިން ފާހަގަ ކުރެއްވި ކަމަށް މިނިސްޓަރީން ބުނެއެވެ.

މިއާއެކު މި ގައުމަށް އިސްލާމް ކަމުގެ ހިދާޔަތް ލިބިގެން ދިއުމަކީ މާތް ﷲ އަހަރެމެންނަށް ދެއްވި އެންމެ ބޮޑު ނިއުމަތް ކަމަށާއި، މި ނިއުމަތަށް ޝުކުރު ކުރަން ޖެހޭ ކަމަށް ފޯރަމްގެ ބައިވެރިން ވިދާޅުވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިޖްތިމާއީ ގޮތުންނާއި ދީނީ ގޮތުން އަހަރެމެންނަށް ކުރެވޭ ނޭދެވޭ ބައެއް ކަންކަމުގެ ވާހަކަ ބަޔާންކޮށް އެކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން މި ފޯރަމްގައި އޮޅުންފިލުވައި ދެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފޯރަމްގެ ބައިވެރިން ވަނީ އަހަރެމެންގެ އެންމެ ބޮޑު ޒިންމާއެއްކަމުގައި ވާން ޖެހޭނީ އިސްލާމްދީން ރަނގަޅަށް އުނގެނި އެ ދީނުގެ އިލްމު މީސްތަކުންނަށް ސައްހަގޮތުގައި ފޯރުކޮށްދިނުން ކަމަށް ފާހަގަ ކުރައްވާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.