ކެރިއަރުގެ ޕީކްގައި ދެވަނައެއް ނެތް ފޯވަޑެކެވެ. 2000 ގެ އަހަރުތަކުގައި ޕްރިމިއާ ލީގުގައި އެންމެ ކާމިޔާބު އެއް ގޯލް ޖެހުންތެރިޔާއެވެ. މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ފަދަ ބޮޑެތި ކްލަބުތަކުގައި ވިދާލި ކާލޯސް ޓެވޭޒްގެ ކެރިއަރުގައި މިއީ ފަހު އަހަރުތަކެވެ. އުމުރުން 36 އަހަރުގެ ޓެވޭޒް އަކީ މިއަދު އޭނާގެ ހޯމް ކްލަބު ބޮކަ ޖޫނިއާގެ ކެޕްޓަނެވެ.
އާޖެންޓީނާއަށް އުފަން، ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ޓެވޭޒްގެ ކެރިއަރުގައި މިހާތަނަށް ތަފާތު ޗެލެންޖުތަކާ ދިމާ ވެ، އެކަންކަމާ ކުރިމަތިލައި، ކާމިޔާބުވެސް ކޮށްފައި ވެއެވެ. އެހެން ނަމަވެސް، ކޮވިޑް 19 އަކީ ޓެވޭޒްގެ ކެރިއަރުގެވެސް އެންމެ ބޮޑު ޗެލެންޖަށް ވެއްޖެއެވެ. ދުނިޔެ ކުޑަކަކޫމައްޗަށް ތިރިކޮށްލި ކޮރޯނާ ވައިރަސްއަކީ ޓެވޭޒްއަށް ހިތި ދުވަސްތަކެއް ގެނުވި އެއްޗަކަށް ވެއްޖެއެވެ. ޓެވޭޒްއަށް ބަލި ޖެހުމަކުން ނޫނެވެ. ޓެވޭޒްގެ ބައްޕަގެ ރޯލް އަދާކުރަމުން އަންނަ ރައިމުންޑޯ ޓެވޭޒްއަށް ކޮވިޑް ޖެހި، ހާލު ބޮޑު ދުވަސްތަކެއް ތަހައްމަލު ކުރަމުންދާތީއެވެ.
ޓެވޭޒްގެ ބައިލޮޖިކަލް ބައްޕައަކީ ސެގުންޑޯ ޓެވޭޒްއެވެ. އޭނާ ވަނީ ޓެވޭޒްގެ އުމުރުން އެންމެ ފަސް އަހަރުގައި މަރުވެފައެވެ. ސެގުންޑޯ މަރުވެފައިވަނީ ޓެވޭޒް އުޅެބޮޑުވި ފަގީރު ހިސާބުގަނޑުގައި ހިނގި ހަމަލާ ބަދަލުކުރުންތަކެއްގައެވެ. އެހިސާބުން ޓެވޭޒް ބައްޕައެއްގެ ގޮތުގައި ބަލައިގެން ދިރިއުޅުނީ ބޮޑުބޭބެ، ރައިމުންޑޯއާއެކުގައެވެ. ރައިމުންޑޯއަކީ ޓެވޭޒްގެ އުފަން ބައްޕަ ނޫން ނަމަވެސް، އޭނާއަށް ފުރިހަމަ "ބައްޕަ"އެކެވެ. ޓެވޭޒް ރައިމުންޑޯއަށް މުހާތަބު ކުރަނީވެސް ބައްޕަގެ ނަމުންނެވެ.
ކޮވިޑްގެ ރާޅާއެކު ޓެވޭޒްގެ އާއިލާއަށް ބޮޑު މާޔޫސްކަމެއް ވެރިވީ ރައިމުންޑޯއަށް ބަލި ޖެހި، 45 ދުވަސް ވަންދެން އައިސީޔޫގައި ފަރުވާ ދޭން ޖެހުމުންނެވެ. ޓެވޭޒްގެ ބައްޕަ ކަމަށް އޭނާ ބަލާ ރައިމުންޑޯ ކޮވިޑުން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ފަހުން އަނެއްކާވެސް އެނދުމަތި ކުރަން ޖެހުނީ ހާލު ދެރަވެގެންނެވެ. ސެޕްޓެންބަރު މަހުން ފެށިގެން ރައިމުންޑޯގެ ހާލު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
އެ ހާލަތު ޓެވޭޒްއަށް އިންތިހާއަށް އުނދަގޫ ކަމަށް ބުނެފައި ވެއެވެ. "ބައްޕަ"ގެ ހާލަތާ މެދު ކަންބޮޑުވެ، މެޗުގެ ހާފް ޓައިމްގައި ރޯން އިނދެވޭ ކަމަށް ޓެވޭޒް ވަނީ ބުނެފައެވެ.
"ވަރަށް އުނދަގޫ ކަމެއް މިއީ. އުނދަގޫ ހާލަތެއްގައި މިހުރީ. ކުޅުނަސް އަހަންނަށް ކުރެވޭ އިހުސާސްތައް އަބަދުހެން ބަދަލުވޭ. ކުޅުމަކީ އަހަންނަށް އުފާވެރި އިހުސާސްތަކެއް ގެންނަ ކަމެއް ނަމަވެސް، ބައެއް ފަހަރު ހާފް ޓައިމްގައި ޑްރެސިން ރޫމްގައި ވެސް ރޯން އިނދެވޭ. ކިޔައިދޭންވެސް ނޭނގޭ ހިތްދަތިކަމެއް މިއީ،" ޓެވޭޒް ބުނެފައިވެއެވެ.
ޓެވޭޒް އަށް ހިތްވަރު ދިނުމަށް އޭނާގެ އުފަން ސިޓީގެ ކްލަބު ބޮކަ ޖޫނިއާސް ސަޕޯޓަރުން މިހާރުވެސް މަސައްކަތް ކުރަމުން ދެއެވެ. ޕެންޑެމިކް ހާލަތާއި ގުޅިގެން މެޗުތައް ބަލަން ދަނޑަށް ނުދެވުނު ނަމަވެސް، ޓެވޭޒް އާއި އާއިލާއަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ބެނާތައް ސްޓޭޑިއަމްގައި ދަމާފައި ވެއެވެ.
" އެއީ އަހަރެންގެ ރޫހަށް ދިރުން ގެނެސްދޭ ހަމައެކަނި ކަންތައް. މި ކްލަބުގެ ދަނޑަށް އެރުމާއި، ދިދަ އަދި ބެނާތައް ފެނުން. އަހަރެން މިހުރީ ހިތްވަރު އެލުވާނުލައި، އެކަމުގެ ފަހަތުގައި ވަނީ މި ކްލަބުގެ ލޮބުވެތި ސަޕޯޓަރުން އަދި އަހަރެންގެ އާއިލާ. އަހަރެންގެ އާއިލާއާއެކު އަހަރެން މިހުރީ އަދިވެސް ކުރިއަށް ދާން ތައްޔާރަށް. އަހަރެން ހިތްވަރު ކުރާނަން،" އަސަރުގަދަކޮށް ޓެވޭޒް ކިޔައިދީފައި ވެއެވެ.
އާޖެންޓީނާގެ ފުޓުބޯޅަ ކޮވިޑަށް ފަހު އަލުން ފެށި ފެށުމަށް ޓެވޭޒް ވަނީ ކުރިން ފާޑުވެސް ކިޔާފައެވެ. ޓެވޭޒް ބުނެފައި ވަނީ ވިޔަފާރީގެ ވިސްނުން އޭނާއަށް ބަލައިގަނެވޭ ނަމަވެސް، ގޭގެ ވަށައިގެން އެތައް ބަޔަކު ވައިރަސްގައި މަރުވަމުންދާތަން ފެނުމަކީ އަނބުރާ ދަނޑަށް ނުކުންނަން އުނދަގޫވާ ފަދަ މަންޒަރުތަކެއް ކަމަށެވެ. ހަގީގަތަކީ ހޮސްޕިޓަލްތަކަށް ނުތަކައިގެން އެތައް ބަޔަކު ބިކަވެފައިވުން ކަމަށްވެސް ޓެވޭޒް ފާހަގަކުރިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު