ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނިކޮށް ފަނޑިޔާރުކަމުން އިސްތިއުފާދީފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އާދީއްތަ ދުވަހު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި މުލްހާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، އެކަމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާދީފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް މުލްހާގެ މައްޗަށް ތަހުގީގުކޮށްފައިވާ މައްސަލަތަކަކީ ދިފާއީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާ ކަމާއި، މައްސަލަތަކުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މުލްހާ ދިރިއުޅޭ ގެއަށް ގޮސް ބައްދަލުކުރާކަމާއި، މިދިޔަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހު އޭނާގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވައި، ތަހުގީގަށް ހުރަސްއަޅައި، ދަތިކުރުމަށްޓަކައި އަމަލުކުރިކަމާއި، މުލްހާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިއަށްދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖުރާއަތާ ހިލާފަށް އެ މައްސަލައިގެ ލިޔުންތައް ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ މައްސަލައެވެ.

މުލްހާގެ އިތުރުން ޖޭއެސްސީގެ ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމިއެވެ. ބާރީ ވަކިކުރުމަށް ޖޭއެސްސީން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ޖޭއެސްސީން ބުނީ ބާރީއާ ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި އެ ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލަ ކަމަށެވެ.

އެ މައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި ބާރީއާ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ބާރީ ބައިވެރިވިކަން ޖޭއެސްސީއަށް ފާހަގަކުރެވިފައިވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޝަރީއަތުގެ ޓެރަރިޒަމް ކުށުގެ ދައުވާގައި ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އޭރުގެ ނައިބު ރައީސް އަދީބަށް ފޮނުވުމަށް ބާރީ އެ ހުކުމް ދިންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އޭގެ އިތުރުން ޝަރީއަތްތައް އޭރުގެ ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިން އިރު، ބާރީއަށް ފުލެޓެއް ބޭނުންވުމުން އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފުލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ދީފައިވާކަމާއި، ބާރީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ފުލެޓު ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާ އިން ބާރީއަށް ދައްކާފައިވާ އިރު، އެ ފައިސާއަކީ އޭނާ ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާކަމުގައި އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޖޭއެސްސީން އިތުރަށް ބުނީ ބާރީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވި އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ބާރީއާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ކޮމިޝަނަށް އަންގާފައިވާތީ، އޭނާ ހުރީ ސަސްޕެންޑުކުރެވިފައި ކަމަށެވެ.