މޯލްޑިވްސް ބޯޑާ މައިލްސްގެ ޕާޓްނަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަތުރުވެރިކަމުގެ ފެސިލިޓީތަކުގެ އިތުރުން ފަތުރުވެރިންނަށް ހިދުމަތް ދޭ އެހެނިހެން ވިޔަފާރިތަކަށް ވެސް އެ ޕްރޮގްރާމްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގައި ޕާޓްނަރަކަށް ވުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.
އިމިގްރޭޝަންގެ މީޑީއާ އޮފިސަރު މިފްތާހު މުހައްމަދު "ވަން" އަށް ވިދާޅުވީ އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން [email protected] އަށް އީމެއިލް ކުރުމުން އިމިގްރޭޝަނުން އެ ވިޔަފާރިތަކަށް ކޮންޓްރެކްޓް ކުރާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމުން ލިބޭ ފައިދާތަކާއި އެކަމާގުޅޭ ކަންކަމާ ގުޅިގެން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިފްތާހު އިތުރަށް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި، ބޯޑާ މައިލްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ވިޔަފާރި ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެގޮތުން އަންނަ ޑިސެމްބަރު މަހު ބޯޑާ މައިލްސްގެ އޮފިޝަލް ވެބްސައިޓު ލޯންޗުކުރާއިރު އެ ވެބްސައިޓުން އެ ޕްރޮގްރާމްގެ ހުރިހާ ޕާޓްނަރުންގެ މައުލޫމާތު ފަސޭހަކަމާއެކު ފަތުރުވެރިންނަށް ބަލައި ލެވޭނެ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލް ގުޅިގެން ތައާރަފް ކުރި މޯލްޑިވްސް ބޯޑާ މައިލްސްއަކީ ދުނިޔޭގައި ވެސް ތައާރަފް ކުރި އެފަދަ ފުރަތަމަ ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގެ ތެރެއިން ވަނީ ތިން ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ ބްރޯޒް ޕެކޭޖު "އައިދަ"، ސިލްވާ ޕެކޭޖު "އަންތަރަ" އަދި ގޯލްޑް ޕެކޭޖު "އަބާރަނަ" އެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ. އެގޮތުން ހާއްސަ މުނާސަބަތުތަކަށް ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޕްރޮގްރާމްގެ ޕާޓްނަރުންގެ ކިބައިން ވަކި ހިދުމަތްތަކެއް ހޯދާ ފަތުރުވެރިންނަށް އިތުރަށް ޕޮއިންޓް ލިބޭނެ އެވެ. އަދި ޕްރޮގްރާމުގައި ހިމެނޭ ފަތުރުވެރިންނަށް އެއާޕޯޓުން އަވަސް ހިދުމަތްތަކެއް ލިބޭއިރު އެކަމަށް ހާއްސަ ކައުންޓަރުތަކެއް ވެސް ހުންނާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު