އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަލާމަތްކުރުމުގެ މަސައްކަތް ކުރެއްވުމަށް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.

ބޮޗޭ އިއްޔެ ވަނީ، ޔޮޓް ޓުއާސް ގްރޫޕު ކުންފުނިތަކުގެ ސީއީއޯ ކަމުގެ މަގާމުންނާއި ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއަޓްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ.

ބޮޗޭ މިއަދު "ވަން" އަށް ވިދާޅުވީ، އޭނާއަކީ އަބަދުވެސް ޕީޕީއެމްގެ މެންބަރެއް ކަމަށާއި ޑީއާރުޕީއާ ގުޅިވަޑައިގެންނެވީ ވަޒީފާގެ ގޮތުން ކަމަށެވެ. ވަޒީފާއިން އިސްތިއުފާ ދެއްވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އަސްލު ޕީޕީއެމްގެ މީހެއް. ޔޮޓް ޓުއާސް އިންނާއި ޑީއާރުޕީން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައި. ޗެއާމަނާ އެއްވެސް މައްސަލައެއް ނެތް. އެއީ އަބަދުވެސް އަޅުގަނޑުގެ ބްރަދާއެއް. ސިޔާސީ ގޮތުން ދެން ފެންނާނީ ޕީޕީއެމުން. ޕާޓީއަށް ސޮއި ވެސް ކުރާނަން. ފަހަރެއްގައި މިއަދުވެސް ސޮއިކޮށްފާނަން،" ބޮޗޭ ވިދާޅުވި އެވެ.

ބޮޗޭ ވިދާޅުވީ، ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅޭގޮތުން އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއާއެކު ވެސް މަޝްވަރާ ކުރައްވާފައިވާ ކަަމަށެވެ. ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތުގެ ކުރީ ސަފުން ފެންނާނެ ކަމަށް ވެސް ބޮޗޭ ވިދާޅުވި އެވެ.