ރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމްގައި އެންމެ ގިނައީ، މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި، ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރުވެސް 2661 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިގެން އެކަން ކުރިއަށްދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ، މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، "މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތައް އޮޕަރޭޓްކުރާ ޕެޓާން އެއް އެބަފެނޭ، އަންނަ ދިމާވެސް އެބަ އެނގޭ، އެ ދާތަން ވެސް އެބައެނގޭ،" ކަމަށެވެ.

އެކަމާބެހޭގޮތުން ފުލުހުން ވަރަށް ބާރަށް މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމްގެ ބަރާބަރު 59 ޕަސެންޓް ކަމަށާއި، މިއަހަރު ދައުވާ ކުރި މައްސަލަތަކުގައިވެސް ސާފު 59 ޕަސެންޓަކީ އެފަދަ މައްސަލަތައް ކަމަށެވެ.

ނަމަވެސް ޕީޖީ ޝަމީމު ވިދާޅުވީ، "މަސްތުވާތަކެތީގެ ހެބިޓް ނެގެހެއްޓުމަށް ޓަކައި ކުރާ ކުދި ކުދި ވައްކަމާއި ކުދިކުދި ފޭރުން ހިމަނައިގެން ގާތްގަނޑަކަށް 75 ޕަސެންޓް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ،" ކަމަށެވެ.

ޝަމީމު އިތުރަށް ވިދާޅުވީ ނޭޝަނަލް ޑުރަގު ކޮންޓުރޯލް ކައުންސިލުން (އެންޑީސީސީ) އެކަމަށްޓަކައި ކުރާން ޖެހޭ މަސައްކަތްތައް ބާރަށްކުރިއަށްދާ ކަމަށާއި، އެކަމާ ބެހޭގޮތުން އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި އަންނަ އަހަރު އިތުރު ނަތީޖާތަކެއް ފެންނާނެ ކަމަށެވެ.