ޚަބަރު

ކަޅުވަކަރު މިސްކިތް މާދަމާ ހުޅުވަނީ

އަލީ އަފާފް ރަމީޒު

ކަޅުވަކަރު މިސްކިތުގެ މަސައްކަތްތައް އެއްކޮށް ނިމި، މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތާއި ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދު މާދަމާ ހެނދުނު 10:00 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިސްކިތް ހުޅުއްވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތް ހުޅުވުމާ ގުޅިގެން މިސްކިތާއި މިސްކިތް ހިމެނޭ ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ގަޑިތަކާއި އެކަމާ ގުޅޭ އެހެނިހެން މައުލޫމާތު މާދަމާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން އާންމު ކުރާނެ ކަމަށެވެ.

ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައި ހުރީ ލިލީމަގު ސަލްޓަން ޕާކު ސަރަހައްދު ކަންމައްޗަކަށް ވާ ގޮތަށެވެ. ނަމަވެސް ސަލްޓަން ޕާކު ތަރައްގީކުރުމަށް މިދިޔަ ސަރުކާރުން 2016 ވަނަ އަހަރު އެ މިސްކިތް ރޫޅާލިއެވެ. އަދި ވަކި ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރު ނިމިގެންދިޔައިރު ވެސް މިސްކިތް އެހެން ތަނެއްގައި ރާވައިފައެއް ނުވެއެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލައި ފޮރުވާފައި ހުރިތަން ހޯދައި، އަލުން އެ މިސްކިތް ރޭވުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން މިސްކިތުގެ ބައިތައް ހޯދައި، ސަލްޓަން ޕާކު ސަރަހައްދުގައި މިސްކިތް ބެހެއްޓުމަށް ރައީސް ނިންމެވީ ވަޒީރުންގެ ލަފާފުޅާއެކު ޑިސެމްބަރު 2018 ގައެވެ.

އޭގެ ފަހުން ސަލްޓަން ޕާކު ސަރަހައްދުގައި އެ މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ސޯލިހެވެ. އަދި ރޭވުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން، ކަޅުވަކަރު މިސްކިތް އަލުން ރަވައި ބަހައްޓާނީ އިހުގެ އާސާރީ މިސްކިތެއްގެ ގޮތުގައި ފެންނާނެ ގޮތަށް، މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމާއެކު ކަމަށެވެ. އަދި މިސްކިތް ބަހައްޓާނީ ބޭނުން ފަރާތަކަށް ޒިޔާރަތް ކުރެވޭނެ ތަނެއްގެ ގޮތަށް، އެތަން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތަށެވެ.