ސަފާރީތަކާއި ޔޮޓްތަކަށް ދާ ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދުމުގައި އިތުރު ލުއިތަކެއް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ހޯދައިދީފިއެވެ.
އެންބީއޭއެމްއިން ބުނީ ލިވަބޯޑް ފަތުރުވެރިންނަށް ހުޅުމާލޭ ފަޅުން ނުވަތަ ހުޅުމާލޭ ޖެޓީ ސަރަހައްދުގައި ހުންނަ ސާމްޕަލް ސްޓޭޝަނުން 75 ޑޮލަރަށް ކޮވިޑުގެ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ 12-14 ގަޑިއިރާ ދެމެދު އެ ފަތުރުވެރިއަކަށް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެންބީއޭއެމްއިން ވަނީ، ކ. އަތޮޅާއި އދ އަދި އއ އަތޮޅުގެ ބައެއް ރަށްރަށުގެ ފަޅުގައި ބޯޓު ބާއްވައިގެންވެސް ލިވަބޯޑް ފަތުރިވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމުވެސް ހަމަޖައްސައިފައެވެ. އެގޮތަށް ޕީސީއާރު ޓެސްޓު ހަދާނަމަ ޗާޖު ކުރާނީ 100 ޑޮލަރެވެ. އަދި ޓެސްޓުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި އެ ފަތުރުވެރިއަކަށް ލިބޭނެއެވެ.
އެންބީއޭއެމްއިން ބުނީ، ލިވަބޯޑް ފަތުރުވެރިންގެ ސާމްޕަލް ނެގުމަށް ބޯޓުތަކުން ސާމްޕަލް ނަގަން ބޭނުންވާ ދުވަހުގެ އެއް ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނުގައިވާ ގޮތުން، ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ހުށަހަޅަން ޖެހެއެވެ.